19 Dec 2012, 18:16
ކާނިވާ ސަރަހައްދުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑްގެ ޓޭންކްތަކަށް ބައުޒަރުން ޕެޓްރޯލް އަޅަމުން ދަނިކޮށް އެޝެޑްގެ ޓޭންކެއް ފުރިގެން ޕެޓްރޯލް ލީކުވެއްޖެ އެވެ.
ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑްތަކާ ހަވާލުވެގެން ހުންނެވި އައިމިނަތު ރިސްފާ މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު 2 ޖަހާއެހާކަންހާ އިރު އެޝެޑްގެ ޓޭންކްތަކަށް ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، އެތަނުން އެޓޭންކް ފުރިގެން ބައުޒަރުން އެލާމްއެޅުމާ އެކު އެ ނިއްވާލަން ނެނގި މަދު ސިކުންތު ކޮޅުގެ ތެރޭގައި ކަމަށެވެ.
"ބައުޒަރުން ޓޭންކަށް ތެޔޮ އެޅުމުގެ ތެރޭގައި އެޓޭންކުން އޯވޭ ފްލޯވެގެން ތޮޔޮ ލީކްވީ. ބައުޒަރުން ޖައްސާފައި އިންނާނީ ހައި ސްޕީޑްގައި. ދެން އެލާމް އެޅީމާ އައިސް ބައުޒަރު ހުއްޓާލި އިރު ހުރީ އޯވާ ފްލޯވެފައި،" ރިޝްފާ ވިދާޅުވި އެވެ.
ރިޝްފާ ވިދާޅުވީ އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް ފަހު މިހާރު އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ތެޔޮ ލީކްވި މައްސަލަ އިންޓާނަލީ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޕެޓްރޯލް ޝެޑަށް ޕެޓްރޯލް ލީކްވުމާ ގުޅިގެން ހިނގާފާނެ ނުރައްކާތެރި ހާދިސާއަކަށް ޓަކައި އެމްއެންޑީއެފާއި ފުލުހުން އެސަރަހައްދު ބަންދުކޮށް ދެ ތިން ގަޑިއިރަށް ހަރަކާތްތެރިވަމުން ގެންދިޔަ އެވެ.