19 Dec 2012, 18:13
އިނގިރޭސީ ލީގު ކަޕުގެ ކުއާޓާ ފައިނަލްގައި މިރޭ ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރާނެ އެވެ. ނުވަ އަހަރަށް ފަހު މި ދެ ޓީމު އެލަންޑް ރޯޑު (ލީޑްސްގެ ދަނޑު)ގައި ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދަމު 12:45ގަ އެވެ.
ވާދަވެރި މެޗެއްގައި މި ދެ ޓީމު އެންމެ ފަހުން އެލަންޑް ރޯޑުގައި ބައްދަލުކޮށްފައި ވަނީ މީގެ ނުވަ އަހަރު ކުރިން ޕްރިމިއާ ލީގު މެޗެއްގަ އެވެ. އެ މެޗު އެކެއް އެކަކުން އެއްވަރުވުމުގެ ނަތީޖާއަކަށްވީ ޗެލްސީ އޭރު ތާވަލުގެ އެންމެ ކުރީގައި އޮވެ، ލީޑްސް ތާވަލުގެ ފުލަށް ދިއުމެވެ.
މިސީޒަންގައި ޗެލްސީއަށް ޓްރޮފީ ހާސިލްކުރުމަށް މިހާތަނަށް ހަތަރު ފުރުސަތު ލިބިފަވާ އިރު އެ ހުރިހާ ފުރުސަތެއް ވެސް ވަނީ ބޭކާރުވެފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުން ބޭރުވުމާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ނުކުރެވުމާއި ޔޫރަޕިއަން ސުޕަކަޕް ހިތިގޮތަކަށް ގެއްލުމުގެ އިތުރުން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި ޓީމުގެ ލަގަބު ހޯދުމަށް ލިބުނު ފުރުސަތު ކަމަށްވާ ފީފާ ކުލަބު ވޯލްޑް ކަޕްގައި ބަލިވެ އެތަށީގައި ވެސް އަތް ބީއްސާލުމުގެ ފުރުސަތު ނުލިބު މެވެ.
އެހެންކަމުން ލީޑްސް އާއި ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް އަކީ ފަސޭހަ މެޗަކަށް އެ ޓީމުން ނުވިސްނާނެ ކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ. ސަބަބަކީ ހަގީގަތަށް ވިސްނާ ނަމަ އެ ޓީމަށް މިހާރު ދެން މި އަހަރު އިތުރަށް ކާމިޔާބު ކުރެވޭނޭ ބާކީ އޮތް ދެ މުބާރާތަކީ ލީގު ކަޕާއި އެފްއޭ ކަޕް ކަމުގައި ވުމެވެ.
ކަޕް ކޮމްޕެޓިޝަނެއްގައި ޗެލްސީ މިހާތަނަށް ލީޑްސް ޔުނައިޓެޑު އަތުން ބަލިވެފަ އެއް ނުވެ އެވެ. މިގޮތުން މި ދެ ޓީމު އެގާރަ ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު އޭގެތެރެއިން ހަތްމެޗު ޗެލްސީ ކާމިޔާބު ކޮށް އަނެއް ހަތަރު މެޗު ނިމުނީ ދެޓީމު އެއްވަރު ވެގެންނެވެ.
މި މުބާރާތުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް ޝްރޫވްސްބަރީ އޮކްސްފޮޑް ޔުނައިޓެޑް އަދި ޕްރިމިއާ ލީގުގެ އެވަޓަން އާއި ސައުތުހެމްޓަން ވަނީ އެލަންޑް ރޯޑުގައި ލީޑްސް އަތުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފަ އެވެ.
ޗެލްސީ މި މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ވާސިލްވެފައި ވަނީ ހައެއް ސުމަކުން ވުލްވްސް ބަލިކޮށް އަދި ފަހެއް ހަތަރަކުން މަންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު އެވެ.
ކުލަބު ވޯލްޑްކަޕުގެ ހިތިކަމާ އެކު އެނބުރި ރަށް އައިތާ 24 ގަޑި އިރުތެރޭގައި ލީޑްސް އަށް ދަތުރު ކުރަން ޖެހުމުން ފުލައިޓު މަތީގެ ދަތުރު ވަރުބަލި ކަމާއި ކުރިމަތިލާން ޖެހުނު ނަމަވެސް އަނިޔާގެ މާބޮޑު މައްސަލައެއް ޓީމުގައި ނެތެވެ.
މެޗާ ބެހޭގޮތުން ލީޑްސްގެ ކޯޗު ނީލް ވާނޮކް ބުނީ ޗެލްސީ އާއި ދެކޮޅަށް ނުކުންނަނީ ވާދަވެރި މެޗެއް ކުޅެން ކަމަށާއި އަދި ހާއްސަކޮށް ޗެލްސީގެ މިހާރުގެ ކޯޗު ރަފައެލް ބެނިޓޭޒް ކުރިން ލިވަޕޫލާއި ހަވާލުވެ ހުރި އިރު 07-2006 ޕްރިމިއާލީގުގައި ފުލަމް އާއި ދެކޮޅަށް ފެންވަރު ދަށް ޓީމެއް ނެރެ އޭނާގެ އޭރުގެ ޓީމު (ޝެފީލްޑް ޔުނައިޓެޑް) ރެލިގޭޓް ވާން މެދުވެރިވި ހާދިސާ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އެމެޗުގައި ލިވްޕޫލް ބަލިވީ އެކެއް ސުމަކުން ނެވެ.
ޗެލްސީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނީ ލީޑްސް އާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށާއި ޒަމާނުއްސުރެ ދެ ޓީމުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ހަނދާން ކޮށް މިމެޗަށް ނުކުންނާނީ ސެމީފައިނަލުން ޖާގައެއް ހޯދުމަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.