19 Dec 2012, 18:09
ކ. ތިލަފުށީގައި ފުލުހުން ބޭއްތިއްބުމަށް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް އިން އިމާރާތް ކުރަން ފަށާފައިވާ އިމާރާތުގެ މަސައްކަތް ސިޓީ ކައުންސިލް އިން މިއަދު ހުއްޓައިފި އެވެ.
މާލޭ ސިޓީ ކައުންސިލް މެންބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ވިދާޅުވީ މިއަދު ތިލަފުއްޓަށް ސިޓީ ކައުންސިލް މެމްބަރުން ގޮސް އެބިން ބަންދުކޮށްފައި ވަނީ އެ ބިމަކީ ސިޓީ ކައުންސިލްގެ 60 މުއައްޒިފުން ނިދުމަށް ބޭނުންކުރާ އިމާރާތަކަށް ވުމުން ސިޓީ ކައުންސިލްގެ ހުއްދަޔާ ނުލައި އެތަން ތަޅައި އެ ތަނުގައި އެހެން އިމާރާތެއް ކުރުމުގެ މަސައްކަތް ކުރުމުން ކަމަށެވެ.
"އަޅުގަނޑުމެން ކައިރި ހުއްދަޔަކަށް އެދުނު، އަޅުގަނޑުމެން މަޝްވަރާ ވެސް ކުރިން. އަޅުގަނޑުމެން މިބުނަނީ ތިޔަބޭފުޅުންގެ ބޯޑުން ނިންމާލަދޭށޭ ވަކި މުއްދަތެއްގެ ތެރޭގައި ހުސްކޮށްދޭނެ ކަމަށާއި އަޅުގަނޑުމެންގެ މުއައްޒިފުން ނިދާނެ ތަނެއް ހޯދައިދޭށޭ. ބުނީމާ އެ ބޯޑުން ފޮނުވީ ސިޓީގައި އޮންނަނީ ސިޓި ކައުންސިލްގެ އެއްވެސް ތަނެއް ނުހުންނާނޭ ތިލަފުއްޓަކު. ނަމަވެސް އެ ބިމަކީ ކުރީގެ މުނިސަޕަލްޓީގެ ބިމެއް އަދި މުނިސްޕަލްޓީގެ ތަންތަން މިލިބެނީ ސިޓީ ކައުންސިލްއަށް،" ރުކުމާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ތިލަފުށީ ކޯޕަރޭޝަނުން އެތަނުގައި އިމާރާތް ކުރަން ފަށަފައި ވަނީ ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދާ ކަމަށާއި އެ ބިން ޕޮލިސް ސުޓޭޝަންއެއް ހެދުމަށް ދިނުމަށް ތިލަފުށީ ކޯޕަރޭޝަން އިން ސިޓީ ކައުންސިލްގައި އެދުނު ކަމަށާއި ނަމަވެސް އެތަނުގައި ނިދާ ސިޓީ ކައުންސިލްގެ މުއައްޒިފުންނަށް ވަކިތަނެއް ހަމަނުޖެހެނީސް އެކަން ނުވާނެކަމަށް އަންގާފައިވާނެ ކަމަށެވެ.
އަދި އެ އިމާރާތްކުރުމަށް މަސައްކަތްކޮށްފައިވާ ބިމުގައި މިހާރު ސިޓި ކައުންސިލުން ވަނީ ސިޓި ކައުންސިލްގެ ހުއްދަޔާނުލާ އެތަން ބޭނުން ނުކުރުމަށް އަންގާ އިއުލާނެއް ވެސް ހަރުކޮށްފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ތިލަފުށީ ކޯޕަރޭޝަނުގެ ބަހެއް ހޯދުމަށް އެތަށް ފަހަރަކު މަސައްކަތް ކުރުމުން ވެސް އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.