އައްޑޫ ސިޓީގެ މަރަދޫ ގެއެއްގައި ނިދާފައި އޮތް ކުޑަ ކުއްޖެއްގެ ކަރުގައި އޮތް ރަންފަށަކާއި ރަން ފައުނަކާއި މަރަދޫ ގެއަކުން ވައްކަން ކުރި މީހަކު 11 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މައްސަލާގައި މި މަހުގެ 13 ވަނަ ދުވަހު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ސ. މަރަދޫ، ގުލްފާމުގެ އަހުމަދު އަނަސް، 26، ކަމަށެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި މަރަދޫ ގެއަކުން ލެޕްޓޮޕަކާއި ދެ މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލަ އާއި މި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި މަރަދޫ ގެއެއްގެ ތެރޭގައި ނިދާފައި އޮތް ކުޑަ ކުއްޖެއްގެ ކަރުގައި އަޅާފައި އޮތް ރަން ފަށަކާއި ރަން ފައުނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައިވާ އެ ދެ މައްސަލައިގެ ތެރެއިން މަރަދޫ، ޑިލައިޓްހާޓް ގެއަށް ވަގަށް ވަދެ އެގޭ ކޮޓަރިއަކުން ލެޕްޓޮޕަކާއި ދެ މޯބައިލް ފޯނާއި އޭގެ ޗާޖަރު ވަގަށް ނަގާފައިވާ މައްސަލާގައި އޭނާ ހަތް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން އަހުމަދު އަނީސްގެ މައްޗަށް ހުކުމް ކޮށްފައިވާ އަނެއް މައްސަލައަކީ މަރަދޫ މަތިވަރުގޭގައި ނިދާފައި އޮތް އޭނާގެ ދައްތަގެ އެންމެ ކުޑަ ދަރިފުޅުގެ ކަރުގައި އޮތް ރަން ފަށަކާއި ރަން ފައުނެއް ވަގަށް ނެގި މައްސަލަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހަތަރު އަހަރު ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.