19 Dec 2012, 16:48
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ"އިން މިއަދު އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ރާއްޖެ އަށް ސަރަހައްދުގެ އެއް ވަނަ މަގާމް އަނެއްކާ ވެސް ލިބިއްޖެ އެވެ.
އެއްދަރަޖައިގެ ކުރިއެރުމަކާ އެކު ސަރަހައްދުގެ އެއް ވަނަ މަގާމް ރާއްޖެ އިން މިފަހަރު ވެސް ހޯދިއިރު، ދުނިޔޭގެ ރޭކިންގައި ރާއްޖެ އޮތީ 160 ވަނައިގަ އެވެ. ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އޮތީ މެދު ކެޑުމެއް ނެތި ސަރަހައްދުގެ އެއް ވަނަ ގައުމުގެ ގޮތުގަ އެވެ.
ޖުމްލަ އަށް ގައުމު ހިމެނޭ ސާކް ސަރަހައްދުގެ ދެ ވަނަ މަގާމް މިފަހަރު ލިބުނީ، ސަރަހައްދުގެ އެންމެ ގައުމު އިންޑިޔާ އަށެވެ. އެގޮތުން ދުނިޔޭގެ ރޭކިންގެ 166 ވަނައަށް އިންޑިޔާ މިފަހަރު ކުރިއަށް ޖެހިލި އިރު، އެ ގައުމަށް މިފަހަރު ވަނީ ތިން ދަރަޖައިގެ ކުރިއެރުމެއް ވެސް ލިބިފަ އެވެ. ސަރަހައްދުގެ ތިން ވަނާގައި މިފަހަރު އޮތް ބަގްލަދޭޝް އަށް ވެސް ތިން ދަރަޖައިގެ ކުރިއެރުމެއް ލިބުނު އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 168 ވަނައިގަ އެވެ.
ސަރަހައްދުގެ ހަތަރު ވަނައިގައި އޮތީ ނޭޕާލެވެ. އެގޮތުން ދެ ދަރަޖަ ފަހަތަށް ވެއްޓުނު އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 171 ވަނައިގަ އެވެ. ސަރަހައްދުގެ ފަސް ވަނަ މަގާމަށް ވެއްޓުނު އަފްގާނިސްތާނަށް 19 ދަރަޖަ ފަހަތަށް ޖެހިލި އިރު، ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ186 ވަނައިގަ އެވެ. އަދި އަފްގާނިސްތާނަށް ވުރެ ފަހަތުން، ނުވަ ދަރަޖަ ފަހަތަށް ޖެހިލި ޕާކިސްތާނަށް ސަރަހައްދުގެ ހަވަނަ މަގާމް ލިބުނު އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 189 ވަނައިގަ އެވެ. އަދި ސަރަހއްދުގެ ހަތް ވަނަ މަގާމުގައި އޮތް ސްރީލަންކާ، އަށް ދަރަޖަ ފަހަތަށް ޖެހިލި އިރު، އެގައުމު އޮތީ 190 ވަނައިގަ އެވެ. އަދި ސަރަހއްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެއީ ދުނިޔޭގެ ރޭންކިންގެ 207 ވަނަ މަގާމެވެ.
ފީފާ ރޭންކިންގެ ދުނިޔޭގެ އެއްވަނައިގައި އޮތީ ސްޕެއިން އެވެ. އަދި ދުނިޔޭގެ ދެ ވަނަ މަގާމްގައި އޮތީ ޖަރުމަނު ވިލާތެވެ. ދުނިޔޭގެ ތިން ވަނަ މަގާމްގައި އާޖެންޓީނާ އޮތް އިރު، އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު އިޓަލީ ވަނީ ދުނިޔޭގެ ހަތަރު ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ފަސް ވަނަ މާގާމްގައި އޮތީ ކޮލަމްބިއާ އެވެ. އެގޮތުން ކޮލަމްބިއާ އަށް މިފަހަރު ވަނީ ތިން ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ.