ބާރު ސްޕީޑްގައި ދުއްވި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން ތިބި ދެ މީހުންގެ ފައިބިނދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ  ރޭ ދަންވަރު ސްޓެލްކޯ ފުރަގަހުން ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓްގައި ބާރުސްޕީޑްގައި ދުއްވި ދެ ސައިކަލް ޖެހި، ދެ މީހުންގެ ފައި ބިނދުމުގެ އިތުރަށް އެ މީހުންނަށް އެ ނޫން ވެސް އަނިޔާތައްވި ކަމަށެވެ. ނަމަވެސް ދެ ސައިކަލުގެ ފަހަތުގައި ތިބި މީހުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.


އެ އެކްސިޑެންޓްގައި އަނިޔާވި ކޮން ބައެއްކަން އާންމު ކުރުމަށް ފުލުހުން އިއުތިރާޒު ކުރި އެވެ. އަދި އެ ހާދިސާގައި ފައި ބިނދުނު މީހުންގެ އާއިލާ އިން ވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ދިނުމަށް އިންކާރުކުރި އެވެ.


ދެ  ސައިކަލު ދުއްވަން ތިބި ދެ މީހުންގެ ތެރެއިން އެކަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށާއި އަދި އެ އެކްސިޑެންޓް ހިނގި ވަގުތު  އަނެއް މީހާ ވެސް ސައިކަލު ދުއްވާފައި ވަނީ އަތުގައި ލައިސަންސް ނެތި ކަމަށް ފުލުހުން ބުންޏެވެ.