ކްރިސްޓިއަނުންގެ ހާއްސަ އީދު ކަމަށްވާ "ކްރިސްމަސް ޑޭ" ގައި އެމީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް ހަދިޔާ ދިނުން އޮވެ އެވެ. ނަމަވެސް އެއީ އާދައިގެ ކުދި ކުދި ހަދިޔާ އެވެ.

ނަމަވެސް އިނގިރޭސި ރާނީ އަށް އެގައުމުގެ ސަރުކާރުން މިފަހަރު ދިނީ އާދައިގެ ކުޑަ ކުޑަ ހަދިޔާއެއް ނޫނެވެ. ދެކުނު ތަނޑީގައިވާ ބޮޑު ގަނޑުފެނުގެ ބިމުގެ ބައެކެވެ.

ދެކުނުތަނޑީގައިވާ ގަނޑުފެނުން ފުރިފައިވާ ބޮޑު ބިން "އެންޓާކްޓިކާ"ގެ ސަރަހައްދެއް އިނގިރޭސިން ކޮންޓްރޯލް ކުރެ އެވެ. އެ ސަރަހައްދުން ބަޔަކަށް ރާނީ އެލިޒަބަތު ދެ ވަނައިގެ ނަންފުޅުން ނަން ދޭނެ ކަމަށް އިނގިރޭސި ފޮރިން އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.

އިނގިރޭސި ފޮރިން އޮފީހުން މިކަން އިއުލާން ކުރީ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް އިއްޔެ ރާނީއާ ބައްދަލުކުރެއްވި ފަހުންނެވެ.

ފޮރިން އޮފީހުން ބުނީ ރާނީގެ ނަން ދީފައިވާ ބިމުގެ ބޮޑުމިނަކީ 169000 އަކަމޭލު ކަމަށެވެ. އެއީ އިނގިރޭސިވިލާތުގެ ބޮޑުމިނަށް ވުރެ ދެގުނަ ބޮޑު މިނެވެ.

އަދި ބުނީ މިއީ އެންޓާކްޓިކާގެ ބިމުގެ ސަރަހައްދަކަށް ރާނީގެ ނަން ދިން ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

"މިއީ ރާނީގެ އަލިމަސް ޔޫބީލް ނިމޭ އިރު އެންމެ ގުޅޭ ޓްރިބިއުޓެއް" ވިލިއަމް ހޭގް ވިދާޅުވި ކަމަށް ހަފިންޓަން ޕޯސްޓް ބުންޏެވެ.

"ބްރިޓިޝް އެންޓާކްޓިކް ޓެރިޓަރީއަކީ 14 ޓެރިޓަރީގެ މައްޗަށް އެކުލެވޭ ބްރިޓިޝް އޯވަސީސްގެ ތެރޭގައި ހިމެނޭ ވަރަށް ތަފާތު އަދި މުހިއްމު މެމްބަރެއް، އެންޓާޓިކާ އަށް ޔޫކޭ އިން ދޭ އަހައްމިޔަތު ދައްކައި ދިނުމަށް، ދާއިމީ ގޮތެއްގައި އެތަން ރާނީއާ ގުޅިފައި އޮތުމަކީ ޝަރަފެއް،" އިނގިރޭސި ފޮރިން އޮފީހުން ބުނެފައިވެ އެވެ.
( ހަފިންޓަން ޕޯސްޓް)