ތޫނު އެއްޗަކުން ހަމަލާދީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ)ގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް އިތުރުކޮށްދީފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަބްދުﷲ ޖާވިދުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ހެނދުނު އޭނާ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަގެ ދަނބިދަރިކަލުން ޖާގެ ބަންދަށް މިދިޔަ މަހުގެ 4ގައި ވެސް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ. އެ މައްސަލަ އޭނޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

އެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި ފޯން ކޯލް ރެކޯޑިންގެ އިތުރުން އޭނައާ ދެކޮޅަށް ތަހުގީގަށް ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި އެއީ ޖިނާއީ ކުށެއްގެ ތުހުމަތަށް އެކަށީގެންވާ ވަރުގެ ހެއްކެއް ކަމަށް ވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނާ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްސަލަ މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު އަދި ވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.