ޖީއެމްއާރަށް ސަރުކާރުން ދީފައިވާ ލޯނު ގެރެންޓީއަކީ "ލިމިޓްލެސް"، ނޫނީ އެއްވެސް ހިފެހެއްޓުމެއްނެތި ދީފައިވާ ސޮވަރިން ގެރެންޓީއެއް ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ޖީއެމްއާރަށް ނެގި ލޯނުތަކަށް ގެރެންޓީ ދީފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ކަންބޮޑުވުން ފާޅުކުރައްވަމުން ބަންޑާރަ ނައިބު އާޒިމާ މިއަދު ވިދާޅުވީ ދިވެހި ދައުލަތަކީ ސީނިއާ ފައިނޭންސްގެ އެގްރިމަންޓްގެ ބައިވެރިއަކަށް ނުވާއިރު އެ އެގްރިމަންޓްގެ ދަށުން ޖީއެމްއާރުން ނަގާ ހުރިހާ ލޯނަގަށް ޒިންމާވާން ޖެހޭ ގޮތަށް ދައުލަތުން ގެރެންޓީދީފައިވާ ކަމަށާއި އެއީ އެއްވެސް ގާނޫނީ މަފްހޫމެއްގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ސީނިއާ އެގްރިމަންޓްގެ ބަޔަކަށް އަޅުގަނޑުމެން [ދައުލަތް] ނުވާއިރު ސީނިއާ އެގްރިމަންޓްގެ ދަށުން އެހެން ބަޔަކު ނަގާ ހުރިހާ ލޯނަކަށް ދިވެހި ސަރުކާރުން ޒިންމާވާގޮތަށް ގެރެންޓީ ދިނުމަކީ ހުއްދަ ލިބިގެންވެސް އަދި ހުއްދަނުލިބިވެސް، އެކަން ކުރުމަކީ 'ބްލޭންކެޓް' ގެރެންޓީއެއް ދެއްވުން. އަޅުގަނޑަކަށް ނުފެނޭ އެކަމަށް ހުއްދަ ދެއްވޭނެ ކަމަކަށް. މާލިއްޔަތު ކޮމެޓީންވެސް އެގޮތަށް އެކަން ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ޒިންމާ ނަގާގޮތަށް ދޭ ގެރެންޓީތަކަކީ ހިފެހެއްޓުމެއް ނޫނީ ނިމުމެއް އޮންނަން ޖެހޭނެ ގެރެންޓީއެއް ކަމަށާއި ނަމަވެސް އޭރުގެ ބަންޑާރަ ނައިބުގެ ހުއްދައާ އެކު ކޮށްފައިވާ އެ އެގްރިމަންޓްގެ ދަށުން އެހެން ދެ ބަޔަކު ނަގާ ކޮންމެ ލޯނަކަށްވެސް ދިވެހި ސަރުކާރުން އޮތީ ޒިންމާވާން ޖެހޭ ގޮތަށް ކަމަށެވެ.

"ދައުލަތުން ދޭ ފައިސާގެ ޔަގީންކަމުގައި ވަކިލިމިޓެއް އޮންނަން ޖެހޭނެ. އަޅުގަނޑުމެން އެއްބަސްވުމެއްގައި ސޮއިކޮށްފައި ހުއްދަ މިދެނީ ދެން އަންނަ ބަޔަކަށްވެސް އެހެން އެއްބަސްވުމެއްގެ ދަށުން ކިތަންމެ ފައިސާއެއް ނެގިއަސް އަޅުގަނޑުމެން އެއަށް ޒިންމާވާނަމޭ، އެއީ ރަނގަޅު ގާނޫނީ މަފުހޫމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" އާޒިމާ ވިދާޅުވި އެވެ.

ގެރެންޓީގެ ދަށުން ސިންގަޕޫރުގެ އެކްސިސް ބޭންކުން ޖީއެމްއާރަށް ހުއްދަދޫކޮށްފައިވަނީ 386 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ކަމަށާއި ނަމަވެސް ޖީއެމްއާރުން އެ ބޭންކުން ނަގާފައިވަނީ 165 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ލޯނު ޖީއެމްއާރަށް ނުދެއްކިގެން އެ ފައިސާ ދައުލަތުން ދައްކަން ޖެހިއްޖެ ހާލަތެއްގައި އެ ފައިސާ ނުދެއްކުމަށް ވަކާލާތު ކުރަން ބަލާއިރު ދައުލަތުގެ އިސްވަކީލު، ކުރީގެ ބަންޑާރަ ނައިބު އެ އެގްރިމަންޓްގައި ސޮއިކުރުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތްކަމެއް ނޫންކަމަށް ރަސްމީ ލެޓަހެޑްގައި ލިއެ ހުއްދަދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ދައުލަތުގެ ނަމަށް ހުތުރުލިބި ދައުލަތަށް އިތުރު ލޯނުތައް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވުމަކީ ގާތްކަމެއް ކަމަށެވެ.

"ގާނޫނީ ގޮތުން މި މައްސަލައަށް ދާއިރު އަޅުގަނޑަށް އެބަ ކުރިމަތިވޭ ދައުލަތުގެ އެންމެ އިސްވަކީލު މި އޮންނަނީ ލަފައެއް ދެއްވާފައި އެ އެގްރިމަންޓްގައި ސޮއިކުރުމަކީ ގާނޫނީ މައްސަލައެއް އޮތްކަމެއް ނޫންކަމަށް. މި މައްސަލައިގައި މިއީ ދައުލަތުން އޮނާ ކުރަން ޖެހޭކަމަކަށް އެހެންވެ މިވަނީ،" އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރަށް ގެރެންޓީދޭން އެއްބަސްވި އެގްރިމަންޓްގެ ކޮޕީއެއްވެސް އެ އޮފީހުގައި ނެތް ކަމަށާއި ފެންނަން އޮތީ އެ އެގްރިމަންޓްގައި ސޮއިކުރުމުގައި މައްސަލައެއް ނެތް ކަމަށް ބުނެ އޭޖީ ދެއްވި ލަފާކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. އަދި މިހާރު ލިބިފައި ހުރި މައުލޫމާތުތަކަކީ އެކްސިސް ބޭންކުގައި އެދިގެން ހޯދާފައި ހުރި މައުލޫމާތުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

އާޒިމާ ވަނީ އެ ގެރެންޓީ ދިނުމުގައި އެހެން މައްސަލައެއްވެސް ފެންމަތިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރަށް ގެރެންޓީއެއް ދެވޭނީ މަޖިލީހުގެ ހުއްދަ ލިބިގެން ކަމަށްވާއިރު ގެރެންޓީ ދޫކޮށްފައިވަނީ އެ ގާނޫނަށް އެ އިސްލާހު ގެނެސް ތަސްދީގުވި ފަހުން ކަމަށްވާއިރު ގެރެންޓީއަށް މަޖިލީހުގެ ހުއްދައެއް ނެތް ކަމަށެވެ. އަދި އެ ލޯނުގެ މައްސަލައިގައި ސަރުކާރަށް ވަކާލާތު ކުރުމަށް ގާނޫނީ ގޮތުން ބާރުގަދަ ޕޮއިންޓްތަކެއް ހުރިކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުން ދިން އެ ގެރެންޓީގެ ދަށުން އެކްސިސްބޭންކުން ދިން އެ ލޯނު ފިޔަވައި ޖީއެމްއާރުން އިތުރު ލޯނެއް ނަގާފައި އޮތްކަން މިހާތަނަށް އެނގިފައި ނެތް ކަމަށާއި ނަގާފައި އޮތް ނަމަ އެ މައްސަލަ މިހާރު ފެންމަތިވެފައި އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެކްސިސްބޭންކުން ނަގާފައިވާ ލޯނުގެ މައްސަލައިގައި އެބޭންކާ އެކު އަންނަ ހަފްތާ މަޝްވަރާތަކަކަށް ދާނެ ކަންވެސް ކޮމެޓީގައި އާޒިމާ އިއުލާންކުރެއްވި އެވެ.