އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ކުރިން ހިންގި އިންޑިއާގެ ޖީއެމްއާރުން މިހާރު މަސައްކަތްކުރަނީ "ކަޅު ފައިސާ ދީގެން" ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އަލުން އެއާޕޯޓް ހިންގުމަށް ރާއްޖެ އަންނަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ނަލަހިޔާ ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ އެއާޕޯޓް ރައްޔިތުނަށް ލިބުނު ކަމަށް ބަލައި ރައްޔިތުންގެ މަޖިލީހަށް އަމާޒްކޮށްގެން ހިންގަމުން ދިޔަ ހަރަކާތްތައް އަނެއްކާ "ރައްޔިތުންގެ އެއާޕޯޓް ރައްޔިތުނަށް" ބަދަލުކޮށް ހަރަކާތްތައް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް އިއްޔެ އެނގިގެން ދިޔައީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ޖީއެމްއާރުގެ ނުފޫޒް ވަރަށް ބޮޑަށް ބޮޑުކޮށް ޖީއެމްއާރްގެ ކަޅު ފައިސާގެ ބާރުގައި ރައްޔިތުން މަޖިލީހުގެ ނުފޫޒް ބޭނުންކޮށްގެން އަނެއްކާ ވެސް ޖީއެމްއާރަށް އެއާޕޯޓް ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ވާހަކާގައި ޖީއެމްއާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ރިޝްވަތު ދޭކަމަށް ތުހުމަތުކޮށް ވިދާޅުވީ މީގެ ކުރިން ޖީއެމްއާރް ކަރަމުން ދިޔަ އެތައް ބަޔަކަށް މިއަދު ޖީއެމްއާރް ކަމުގޮސްފައިވާ ކަމަށާއި އަދި އެ ބޭފުޅާއަށް ވެސް ރިޝަވަތު ދިނުމަށް މަސައްކަޔްކޮށްފައިވާ ކަމަށެވެ. ޖީއެމްއާރުން ރިޝްވަތުދޭ ނަމަ އެފަދަ މައްސަލައެއް ކަމާ ބެހޭ ފަރާތަކަށް ހުށައަޅަފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އަދި ރަސްމީކޮށް އެފަދަ މައްސަލައެއް ހުށައަޅަފައިނުވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ހަރަކާތުގެ މެންބަރު އަހުމަދު ޝަމީމް ވިދާޅުވީ ޖީއެމްއާރުން އަލުން އަނބުރާ އެއާޕޯޓަށް އާދެވޭނެ ކަމުގެ ސިގްނަލްތައް ދެމުންދާ ކަމަށެވެ. އެގޮތުން އެއާޕޯޓަށް އޮޕަރޭޓްކުރާ ބައެއް އެއާލައިންތަކަށް އެ މެސްޖު ދެމުންދާ ކަމަށް ވިދާޅުވި އެވެ. އަދ ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު އެކަމާ ގުޅުވައިގެން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެބައްދަލުވުމުގައި ޖީއެމްއާރުން ނުފޫޒު ބޭނުންކޮށްގެން އަނބުރާ އެއާޕޯޓް ހިންގުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ޖީއެމްއާރުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް (އައިއެފްސީ) ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ވެސް ގައުމީ ހަރަކާތުން ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ޖީއެމްއާރުން އައިއެފްސީ އަށް ފޮނުވާފައިވާ ކަމަށް ބުނާ ނަމަވެސް ރަސްމީއެއް ވެސް ތައްގަނޑެއް ނެތް އެލިޔުމުގައި ބުނެފައި ވަނީ ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ގޮތުގެ މަތިން އެއާޕޯޓް ހިންގަމުންދަނިކޮށް ސަރުކާރުން އެގްރިމެންޓް ބާތިލު ކޮށްފައިވާ ކަމަށާއި އަދި ބަދަލުހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރުގެ ސިޓީ އަށް އައިއެފްސީ އިން ފޮނުވާފައިވާ ޖަވާބެއް ކަމަށް ބުނާ ސިޓީގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ނިންމި ނިންމާ ދޭތެރޭ ހިތްހަމަނު ޖެހޭ ކަމަށާއި އެގޮތުން ސަރުކާރާއި މަޝްވަރާކުރަމުންދާ ކަމަށެވެ.