19 Dec 2012, 14:31
މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހޯލްގައި ތިއްބެވި މެންބަރުންގެ އަދަދު ފަހަކަށް ދައްވެ، ކޯރަމް ހަމަނުވެގެން ޖަލްސާ ހުއްޓާލައިފި އެވެ.
މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަ ނުވާތީ ކުރިއަށް ނުގެންދިވިގެން ޖަލްސާ ހުޓާލިކަން ރިޔާސަތުން އިއުލާން ކުރައްވަމުން ވިދާޅުވީ ޖަލްސާގައި ތިއްބެވީ 77 މެންބަރުންގެ ތެރޭގައި ފަސް މެންބަރުން ކަމަށެވެ.
ހަފްތާގެ ތިން ދުވަސް އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ ހެނދުނު 9:00ގައި ފެށުމަށް ހަމަ ޖެހިފައިވާ އިރު އާދައިގެ މަތީން މިއަދު ޖަލްސާ ވެސް ކޯރަމް ހަމަ ވެގެން ފެއްޓުނީ 30 މިނެޓް ފަހުންނެވެ.
ޖަލްސާ ކުރިއަށް ގެންދަނިކޮށް އެއް ފަހަރު ޖަލްސާގެ ކޯރަމް ގެއްލިފައިވާ އިރު ހުސް ވަގުތު ކޮޅަށް ފަހު ވެސް ދެ ފަހަރަށް ކޯރަމް ގެއްލިގެން 30 މިނިޓަށް ޖަލްސާ ފަސްކޮށްފައިވެ އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި އިމްތިޔާޒް މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަމުންދަނިކޮށް މަޖިލީސް ހުއްޓާލަފައިވާ އިރު މިއަދު މަޖިލީހުގައި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ނަމަވެސް މަޖިލީހާ ބެހޭ ގޮތުން މީޑިއާތަކުން ގެނެސްދޭ ހަބަރުތަކާ މެދު ހިތްހަމަ ޖެހިވަޑައިނުގަން ބައެއް މެންބަރުން މިއަދު ވެސް ބަހުގެ ހަމަލާތައް މީޑިއާތަކަށް އަމާޒުކޮށްފައިވެ އެވެ.