ހަށިގަނޑުގައި ފޮރުވައިގެން ވައިގެ މަގުން ގދ. ތިނަދު އަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ފުލުހުން މާލެ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުލައިގަތީ ވައިގެ މަގުން ތިނަދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހުޅުލެއަށް ދިއުމަށްޓަކައި ހުޅުލޭ ފެރީ ކައިރީގައި ހުއްޓައި ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ފުލުހުންގެ ބަލާފާސްކުރި އިރު އެމީހާގެ ފުރަގަސްފަރާތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.