19 Dec 2012, 14:16
ދައުލަތުގެ ރިޒާވުން ފައިސާ ނަގައިގެން ހަރަދުތައް ކުރަމުންދާތީ ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ރިޒާވަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު "ސަން އޮންލައިން"އަށް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ފަހަށް ރައްކާކުރެވިފައިވާ ރިޒާވުން ނަގައިގެން ބޭނުން ކުރަމުން އަންނަ ކަމަށާއި ރިޒާވް ލިޔެވި ސާފުކޮށް އެނގެން ނެތުމުން ރިޒާވްގައި ހުންނަ ފައިސާ އެކީއެކަށް ހުސްވެގެން ހިނގައިދާނެ ކަމުގެ ބިރުއޮތް ކަމަށެވެ.
"ދައުލަތުގެ ރިޒާވަކީ ކޮބައިކަން ސާފެއް ނޫން މިހާރު، އިހަށް ދުވަހު އިންޑިއާ އަށް ދެއްކި ފައިސާއަކީ އެމްއެމްއޭގެ ފޮރިން ރިޒާވުން ނަގައިގެން ދެއްކި ފައިސާ. އެކަމަކު ގާނޫނު އަސާސީގެ 250 ވަނަ މާއްދާގައި ގަނޑައެޅިގެން އެބަބުނޭ މަޖިލީހުގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ލިބިގެންނޭ ރިޒާވުން ހަރަދުކުރެވޭނީ. ރިޒާވަކީ ކޯޗެއްކަން ނޭންގެންޏާ ހުސްވަންދެން ހަރަދުކުރުމުގެ ވެސް ބިރުއެބައޮތް،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއް ނެތި ރިޒާވުން ހަރަދުކުރުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީ އަށް އޮންނަ ކަމަށާއި ނަމަވެސް ގާނޫނަކުން ނަމަވެސް އެކަން މިހާރު ހުއްޓުވަން ޖެހޭ ކަމަށެވެ. އެގޮތަށް އެކަންތައް ނުކޮށްފި ނަމަ ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ށ)ގައި ރިޒާވުގެ ވާހަކަ އޮތް ނަމަވެސް އެކަމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނަ ކަމަށެވެ.
"އެކަން މިވަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު ބޮލުގައި ރިހުމަކަށްވެފައި،" ނިޔާޒު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކީ މި މަހުގެ ކުރީކޮޅުގަ އެވެ. އެފައިސާއަކީ މީގެ ކުރިން ސަރުކާރުން ނެގި ޓްރެޝަރީ ބިލްތަކަށް ދެއްކި ފައިސާ އެވެ. އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ސަރުކާރުން އިންޑިއާ އަށް އިތުރު 50 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ބަޖެޓް ކޮމެޓީގައި އިއްޔެ ވިދާޅުވީ އެމްއެމްއޭގައި ހުންނަ ސަރުކާރުގެ ބޭންކް އެކައުންޓުން ސަރުކާރަށް ފައިސާ ނެގޭނެ އަދަދު ލިމިޓްކުރަން ޖެހޭ ކަމަށާއި އެކަން މަޖިލީހުން ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްއެމްއޭއިން އިއްޔެ އާންކުރި ހިސާބުތަކުން ދައްކާގޮތުން ޔޫސެބުލް ރިޒާވުގެ ގޮތުގައި މިހާރު ހުރީ 103 މިލިއަން ޑޮލަރެވެ. ގުރޮސް ރިޒާވް ނޫނީ ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 299 މިލިއަން ޑޮލަރެވެ. އަދި ނެޓް ރިޒާވް، ނޫނީ އެމްއެމްއޭގެ ގާނޫނުން އެ ބޭންކުގެ ރިޒާވްގެ ގޮތުގައި ބަހައްޓަން ލާޒިމް ކުރާ ރިޒާވުގެ ގޮތުގައި ހުރީ 91 މިލިއަން ޑޮލަރެވެ.