19 Dec 2012, 14:12
ރާއްޖެ އަށް ދަތިކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ކައިރިން ގޮވާލަން އޮތީ އިންޑިއާ ކަމަށާއި އެފަދަ ގައުމަކާއި ރާއްޖެއާ ދެމެދު އޮތް އެކުވެރި ގުޅުމުގައި ކޫރު އެޅިފައިވާ ނަމަ އެކަން ދިމާވީ "ރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ސަބަބުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖލީހުގެ މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވީ ގައުމީ ހަރަކާތުގެ ފަރާތުން ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ ހިންގި ހަރަކާތްތަކުގައި ހުރިހާ ބޭފުޅުން ވާހަކަ ދައްކަވަނީ އެއް ވަޒަނަކަށް އެއް ޖަޒުބާތެއްގައި ނޫން ކަމަށެވެ. އަދި އެވާހަކަތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ވާހަކަތައް ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މުޒާހަރާ ކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި އަދި ޕެޓިޝަން ހުށަހެޅުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލައި ކުރަމުން ދަނިކޮށް މަގުމައްޗަށް ނިކުމެގެން މުޒާހަރާކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއާޕޯޓް ހޯދުމަކީ ގައުމީ ހަރަކާތުން މަގުމައްޗައް ނިކުމެގެން ކުރި މުޒާހަރާތަކާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
"ސަރުކާރަށް ދަތިވާ ކޮންމެ ފަހަރަކު އިންޑިއާ އިން އަންނަނީ މާލީ ގޮތުން ވެސް އެހީތެރިވަމުން. އަޅުގަނޑުމެން ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ މިކުރި ކަންތައް، ހުރިހާ ބޭފުޅުން އެއްވަޒަނަކަށް އެއް ޖަޒުބާތެއްގައި އެއްނޫން ވާހަކަ ދައްކަވަނީކީ. އެގޮތަށް ވާހަކަ ދައްކަމުން ދައްކަމުން ގޮސް އިންޑިއާ އާއި ރާއްޖެއާ ނުވަތަ ދެ ގައުމުގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ކަންތައް ދުއްވާލީމާ އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން ޖެހޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އެކަން އެގޮތަށް ކުރާކަށް ނުޖެހޭނެ. އެއާޕޯޓް އަތުލީ ހުރިހާ ޕާޓީތަކުން ސަރުކާރުގައި ދަންނަވައިގެން ސަރުކާރުން އެކަން ކުރައްވަން ނިންމެވުމުން. އެއީކީ ގައުމީ ހަރަކާތުން ސަރުކާރަށް ޕްރެޝަރުކޮށްގެން ނިންމި ކަމެއް ނޫން،" ޔާމިން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ ވިންދު ހުރި ގޮތް ހާމަކޮށްދެނީ ރައްޔިތުން ހިމެނޭ ޕާޓީތަކުން ބުނާ އެއްޗަކުން ކަމަށެވެ. އޭގެ ބަދަލުގައި މަގުމައްޗަށް ނިކުމެގެން މުޒާހަރާ ކުރުމުގެ ނަތީޖާ އެހާ ރަނގަޅަށް ނުފެންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖީއެމްއާރު އެގްރިމެންޓް ބާތިލު ކުރަން އިންޑިއާ އާއި ރާއްޖެ އާ ދެމެދު މަޝްވަރާތައް ކުރަމުން ދަނިކޮށް ގައުމީ ހަރަކާތުން ހިންގި ހަރަކާތްތަކުގެ ނަތީޖާއާ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ޖީއެމްއާރު އެގްރިމެންޓް ނިމުމަކަށް ގެނައީ މަގުމައްޗަކުން ނޫން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޮންމެހެން ނުޖެހޭ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާކަށް. ދައުލަތުގެ ސްޓޭޓް މިނިސްޓަރުންނާއި ބައެއް ވަޒީރުން ނިކުމެގެން އެކުރާ ކަންތައް ބަޔަކު ދުރުގައި ބަލަން ތިބޭނެ ކަން ވެސް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޖީއެމްއާރު އެގްރިމެންޓް ބާތިލު ކުރުމާ ގުޅިގެން އިންޑިއާ އިން ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާނެ ކަމަށާއި ރާއްޖޭގައިވާ އެގައުމުގެ މަސްލަހަތުތަކާއި އެގައުމުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.