19 Dec 2012, 13:59
ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުކަމުން ދުނިޔެ އަލުން ރިސެޝަން އަކަށް (އިގުދިސާދީ ބޮޑު ހީނަރުކަމަކަށް) ހިނގައިދާނެ ކަމަށް ޔުނައިޓެޑް ނޭޝަން (ޔޫއެން) އިން ބުނެފި އެވެ.
ޔޫއެން ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑީއީއެސްއޭ) އިން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ 2012 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދީ ދުވެލި އޮތީ މަޑުޖެހިފައި ކަމަށާއި އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އޮންނާނީ އެގޮތުގައި ކަމަށް ބެލެވޭ ކަމަށެވެ.
"ވޯލްޑް އިކޮނޮމިކް ސިޗުއޭޝަން އެންޑް ޕްރޮސްޕެކްޓްސް 2013" ގެ ނަމުގައި ޑީއީއެސްއޭ އިން އެކުލަވާލި ރިޕޯޓްގެ ފުރަތަމަ ޗެޕްޓާ އާއްމު ކުރި އިރު އެ ޗެޕްޓާގައި ޔޫއެން އިން ގޮވާލާފައި ވަނީ ދުނިޔޭގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ މަޑުޖެހުމާއި ވަޒީފާ ނުލިބުމުގެ މައްސަލަތައް ހައްލުކުރަން ސިޔާސަތުތައް ބަދަލުކުރުމަށެވެ.
ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ އިގުތިސާދީ ދުވެލި އަންނަ އަހަރު ކުރިއަރާނެ ކަމަށް ބެލެވެނީ އެންމެ 2.4 ޕަސެންޓުންނެވެ. އަދި ޖެހިގެން އަންނަ 2014 ވަނަ އަހަރު އިގުތިސާދީ ދުވެލި ހުންނާނެ ކަމަށް ބެލެވެނީ 3.2 ޕަސެންޓްގައެވެ.
"މި ސްޕީޑަކީ ގިނަ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ވަޒީފާގެ މައްސަލަތައް ހައްލުކުރެވޭ ވަރަށް ވުރެ މާ މަޑު ސްޕީޑެއް،" ރިޕޯޓާ ގުޅިގެން ޔޫއެން އިން ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ މިހާރު ގެންގުޅޭ ސިޔާސަތުތަކާއި މިހާރުގެ އިގުތިސާދީ ދުވެލީގައި ޔޫރަޕުގެ ގައުމުތަކާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ކުރިމަތިވެފައިވާ ވަޒީފާ ގެއްލުމުގެ މައްސަލައަށް ހައްލެއް އައުމަށް އެންމެ މަދުވެގެން އަދި ފަސް އަހަރު ހޭދަވެދާނެ ކަމަށެވެ.
ޔޫއެން އިން ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިގުތިސާދަށް މިހާރު އައިސްފައިވާ މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ އިގުތިސާދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ބަލިކަށިކަމެވެ.