19 Dec 2012, 13:56
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިކަން ގެއްލިފައި ވަނީ މެންބަރުންގެ އަމަލުތަކުގެ ސަބަބުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުން މަޖިލީސް މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބައެެއް މެންބަރުން ވިދާޅުވީ މަޖިލީސް ބައެއް މެންބަރުން އިއްޒަތްތެރިކަން ގެއްލިފައި ވަނީ މެންބަރުންގެ ސަބަބުން ކަމަށެވެ.
އެމްޑީޕީ މެންބަރު ޖާބިރު ހުށަހަޅުއްވި މަޖިލިސްގެ އިމްތިޔަޒާ ބެހޭ މައްސަލައިގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގާނޫނާއި ގާނޫނު އަސާސީއާ ތަބާވާން ޖެހޭނެ ކަމަށާއި ރައްޔިތުން މަޖިލީހަކަށް ވީތީ ގާނޫނު އަސާސީއާ ހިލާފް ވެވެން ނޯންނާނެ ކަމަށެވެ. އަދި ބައެއް މެންބަރުން އިއްޔަތްތެރި ބޭފުޅުން ކަަމަށް ވިދާޅުވާތީ އެކަމާ މެދު ލަދުވެތިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ހަގީގަތުގައި ވެސް ލަދުގަނޭ އިއްޒަތްތެރިންނޭ ތިމާމެން ވިދާޅުވާތީ. އެމީހުން ހަމައިގައި ނުތިބޭ ވަގުތުތަކުގެ ވީޑިއޯ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެނަށް އެބަ ފެނޭ. އެ ބޭފުޅުން އައިސް އިއްޒަތްތޭ ބުނީމާ ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލު ކުރާނީ. އެހެންވީމާ އަޅުގަނޑުމެން މި މަޖިލީހުގެ ގަދަރާއި ކަރާމަތް ހިފައްޓަން އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތް ކުރަން،" ރިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލީހުގައި ވޯޓު ސިއްރު ކުުކުރުމުން އެކަމުގެ ތުހުމަތުތައް އަންނާނެ ކަމަށާއި އެހެން ކަމަށާއި އެންމެ ފުރަތަމަ ބަލަން ޖެހެނީ މަޖިލީހުގެ އިއްޒަތް ނަގާލި މެންބަރުންގެ މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޮޕްގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ މެންބަރުން ވަނީ މަޖިލިސް ތެރޭގައި ވެސް އެއް މެންބަރުންގެ އިމްތިޔާޒް ނަގާލާފައިވާ ކަމަަށެވެ.
"އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުން ވެސް ވަނީ މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައި. އަޅުގަނޑުމެން މިތަނުގެ މުދަލަށާއި މެންބަރުންގެ އަބުރާ ބެހޭ ގޮތުން ވާހަކަދައްކާ އެ ބޭފުޅުންގެ އަބުރުވަނީ ގެއްލުވާލާފައި،" ޝަރީފް ވިދާޅުވި އެވެ.
ފަރެސް މާތޮނޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބް ވިދާޅުވީ މަޖިލީހުގައި މިއަދު ވިދާޅުވީ މަޖިލީސް މެންބަރުންގެ ދިފާއުގައި އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެގޮތަށް ވާހަކަ ދައްކާނީ މެންބަރުން "އިސްލާހުވީމާ" ކަމަށެވެ.
މަޖިލިސް ތެރޭގައި ރައްޔިތުން ދައްކާ ވާހަކަތައް މިހާރު ރައްޔިތުން ބަލަމުންދާ އިރު ރައްޔިތުން އެ މެންބަރުންގެ އަމަލުތައް ހުރިގޮތާމެދު ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް އެއީ އެވާހަކަތައް ދެއްކުމަކީ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވާނަމަ މެންބަރުން އެކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
އެ މައްސަލައިގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވެފައި ވަނީ މެންބަރުނާ ދެކޮޅަށް އެއްވުންތައް ބާއްވާ މަޖިލީހުގެ އިމްތިޔާޒްތަަަކަށް އަރައިގަތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެގޮތުން އެމްޑީޕި ގިނަ މެންބަރުން ވަނީ ރައީސް ޑރ. ވަހީދު މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަވާ ކަމަށް ވިދާޅުިވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ބައެއް މެންބަރުން ވަނީ ގައުމީ ހަރަކާތުގެ ނަމުގައި މަޖިލީހަށް އަމާޒުކޮށްގެން ހިންގަމުންދާ ހަރަކާތްތައް ނުހުއްޓައިފި ނަމަ އެކަމާއި ދެކޮޅު ހެދުމަށް އެއްވުމަށް ދާނެ ކަމަށް ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ.
މިއަދު މަޖިލީސް ވަނީ ކޯރަމް ހަމަ ނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލިސް ހުއްޓާލާފަ އެވެ.