ލިއޮނެލް މެސީއާއި ކެޕްޓަން ކާލޮސް ޕުޔޯލް އަދި ޒަވީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުން، އެ ތިން ކުޅުންތެރިންނަށް ބާސެލޯނާ އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބާސާގެ ބޯޑް ޑިރެކްޓާ ޓޯނީ ފްރައިޒާ ބުނީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ތިން ފަހަރު މަތިން ހޯދާފައިވާ ހުނަރުވެރި ފޯވާޑް މެސީ އާއި، ކެޕްޓަން ކާލޮސް ޕުޔޯލް އަދި ޒަވީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުން، ކުލަބަށް ބޮޑު ހިތް ހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. އަދި އެކުޅުންތެރިންނާ މެދު ކުލަބުން ގާތް ގުޅުމެއް އަބަދު ވެސް ބާއްވަމުން އަންނާނެ ކަމަށާއި އެ ތިން ކުޅުންތެރިންނަކީ ކުލަބަށް ވަރަށް މުހިންމު ތިން ކުޅުންތެރިން ކަމަށެވެ.

"މެސީއާއި ޕުޔޯލް އަދި ޒަވީގެ ކޮންޓްރެކްޓް އާކުރުމުން ކުލަބަށް ބޮޑު ހިތްހަމަޖެހުމެއް އަނެއްކާ ވެސް ލިބިއްޖެ. އެ ތިން ކުޅުންތެރިން މީގެ ކުރިން ވެސް ކުލަބުގައި ދައްކަމުން އައި ކުޅުމަށް އަބަދުވެސް ކުލަބުން ވަނީ މަރުހަބާ ކިޔައިފައި." ބާސާގެ ބޯޑް ޑިރެކްޓާ ޓޯނީ ފްރައިޒާ ބުންޏެވެ.

އުމުރުން 25 އަހަރުގެ މެސީ ބާސާގައި 2018ގެ ނިޔަލަށް މަޑުކުރުމަށް އޭނާގެ އެއްބަސްވުން އާކުރި އިރު، އެ ކުލަބާ އެކު މެސީ މިހާރު ހަދައިފައިވާ ކޮންޓްރެކްޓް ހަމަވާނީ 2016 ވަނަ އަހަރެވެ.

ކެޕްޓަން ޕުޔޯލްގެ އެއްބަސްވުން އޭނަ އާކުރީ ތިން އަހަރަށެވެ. އަދި ޒަވީ އެއްބަސްވުން އޭނަ އާކުރި އިތުރު ދެ އަހަރު ދުވަހަށެވެ. ޕުޔޯލްގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާ އިރު، ޒަވީގެ ކޮންޓްރެކްޓް އޮތީ 2014 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މިހާރު އެދެކުޅުންތެރިން އަލުން އެއްބަސްވުން އާކުރުމުން ދެން މުއްދަތު ހަމަވާނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މެސީއާއި ޕުޔޯލް އަދި ޒަވީގެ އެއްބަސްވުން، ބާސައިން އާކުރިއިރު، އެކުލަބުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ މަޝްހޫރު ކުޅުންތެރިން ހޯދުމަށް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.