އިލްޝާ އއ. އަތޮޅު ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގުރޫޕް ބީގެ ތޮއްޑޫ އާއި ހިމަންދޫ ބައްދަލުކުރި މެޗު ވިއްސާރައިގެން ސަބަބުން މެޗުގެ ފުރިހަމަ ވަގުތު ހަމަނުކޮށް ދެ ޓީމު އެއްވަރުވީ ކަމަށް ބަލައި މެޗު ނިންމާލައިފި އެވެ.

އިއްޔެ ހަވީރު ރަސްދޫ ބޯޅަދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމާ ހާފުގައި ދެ ޓީމު ވެސް ވަނީ ރީތި ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ވެހެން ފެށި ބޯ ވާރޭގައި ކުޅެމުންދިޔަ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްނުލެވި ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެން ނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައި ގަޑި ޖެހުނުއިރު ވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ދަނޑުގައި ފެންބޮޑުވެ މެޗުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް މެޗުކޮމިޝަނަރު އަހުމަދު އަބީރު ނިންމެވުމުން، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ދެ ޓީމުގެ އޮފިޝަލުންނާއި ވާހަކަ ދެއްކުމަށް ފަހު ދެ ޓީމުގެ ވެސް އެދުމުގެ މަތިން ނިންމީ މެޗްގެ ފުރަތަމަ ހާފު ނިމުނު އިރު އޮތް ނަތީޖާ ސުމެއް ސުމަކުން ދެޓީމު އެއްވަރުވީ ކަމަށެވެ.

އިއްޔެގެ މެޗު އެއްވަރު ވުމުން ތޮއްޑޫ ޓީމު ވަނީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ ހިމަންދޫ ޓީމެވެ. އިއްޔެގެ މެޗުގެ ކުރިން ވެސް މި ދެ ޓީމު ވަނީ ސެމީން ޖާގަ ކަށަވަރުކޮށްފަ އެވެ. އެކަމަކު އިންޔެގެ މެޗުން ހިމަންދޫ މޮޅުވި ނަމަ ގުރޫޕްގެ އެއްވަނަ ލިބޭނީ އެ ޓީމަށެވެ.

ރަސްދޫ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 3:45ގައި ވާދަކުރާނީ ގުރޫޕް އޭގެ އެއްވަނަ ރަސްދޫ ޓީމާއި ގުރޫޕް ބީގެ ދެވަނަ ހިމަންދޫ ޓީމެވެ. އަދި އެކާވީސް ވަނަ ދުވަހުގެ ހަވީރު 3:45ގައި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭގެ ދެވަނަ މާޅޮސް ޓީމާއި، ގުރޫޕް ބީގެ އެއްވަނަ ތޮއްޑޫ ޓީމެވެ.

އއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދިޔަ "އިލްޝާ އއ. އަތޮޅު ކަޕު 2012" ފުޓްބޯޅަ މުބާރާތް ރަސްދުއަށް ބަދަލުކުރީ މި މުބާރާތުގައި ހިމަންދޫ އާއި ބޮޑުފޮޅުދޫ ބައްދަލު ކުރިމެޗުގެ ފަހު ހާފުގައި ހިނގި ހަމަނުޖެހުންތައް ހައްލު ނުކުރެވި މެޗު ހުއްޓާލަން ޖެހުމުގެ ސަބަބުން ނެވެ.