ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ގެއްލުނު ކޮރެއާ ޓޫރިސްޓު މީހާގެ ހަށިގަނޑު އާއިލާގެ ފަރާތުން އެގައުމަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދޮހުވަން އޮހު، 32،ގެ ހަށިގަނޑު މޫދު އަޑިން ފެނުމާ ގުޅިގެން އެމީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް ގަލޮޅު ސަހަރާގެ މޯޗަރީ އަށް ލާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްނޯކްކްލިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ގެއްލުނު ކޮރެއާގެ އެމީހާ ފެނިފައި ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އެމީހާ ފެނިފައި ވަނީ އޭނާ ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި 20 މީޓަރު އަޑިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ ކޮރެއާ މީހާ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިފައިވާ އިރު މިމަހުގެ ކުރީ ކޮޅު ބަނޑޮސް އައިލެންޑް ކައިރިއަށް ސްނޯކްލިން ގޮސް އުޅުނު ޗައިނާގެ ބިލިޔަރަކު ވަނީ ގެއްލިފަ އެވެ.