އިންޑިއާގެ ލޮކްސަބާގެ ސްޕީކާ ރާއްޖެ ވަޑައިގަތުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ދައުވަތު އަރުވައިފި އެވެ.

އިންޑިއާގެ މަޖިލީހުގެ މަތިގޭގެ ސްޕީކާ ރާއްޖޭގެ ވަޑައިގަތުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވާފައި މިވަނީ އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑީއެން މުލޭއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ސްޕީކަރު ރާއްޖޭގެ ވަޑައިގަތުމުގެ ދައުވަތު 2010 ވަނަ އަހަރު ވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ދެއްވާފަ އެވެ.

"އިންޑިޔާ ސަފީރަށް ދެންނެވި އެވެ. އަދި އިންޑިޔާގެ ލޮކްސަބާގެ ސްޕީކަރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް 2010 ވަނަ އަހަރު ދެއްވާފައިވާ ދަޢުވަތު އައު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި،" ނޫސް ބަޔާނުގައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިޔާގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ވާހަކަފުޅު ދެއްކެވި ކަމަށް ޝާހިދު މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ތަމްރީންކުރުމަށް ދެމުންގެންދާ އެހީ މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޝާހިދު އިންޑިއާގެ ސަފީރުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.