ޗާންދަނީ މަގުގައި ހުންނަ ގެއެއްގައި މަރާލާފައި އޮއްވައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެނުނު ބިދޭސީ މީހާ މަރާލާފައި ވަނީ އޭނާއާ އާއިލީ ގޮތުން ގުޅުން ހުރި މީހަކު ބުނެގެން، އޭނާގެ ދުވަސްވީ ރަހުމަތްތެރިއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮނީރުލް އިސްލާމް، 27، މަރުވެފައި އޮއްވައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 11:30 އެހާކަންހާއިރު ފެނިފައި ވަނީ ޗާންދަނީމަގުގައި ހުންނަ 24 ނަންބަރު ގޭގެ ހަ ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޮއްވަ އެވެ.

މިއަދު ބޭއްވި ނިވްސް ކޮންފަރެންސެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާވޫދޫ ވިދާޅުވީ މޮނީރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ އޭނާގެ ގާތް ރައްޓެއްސެއްކަމަށްވާ ކަމަރުލް އިސްލާމް،23، ކަމަށާއި އަދި އޭނާ އެކަން ކޮށްފައި ވަނީ މޮނީރުލްއާ އާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ބަނގްލަދޭޝްގެ އަބްދުﷲ،34، ކިޔާ މީހަކު ބުނެގެން ކަމަށެވެ. އަދި އެ ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު ކަމަރުލް އިސްލާމަކީ މޮނީރާއި ވަރަށް ދުވަސްވީ ރަހުމަތް ތެރިއެއް. މޮނީރު އެންމެ ފަހުން ފެނިފައި ވަނީ ކަމަރުލް އިސްލާމާ އެކީ. ދިރިހުއްޓާ އެންމެ ފަހުން ފެނުނު ދުވަހުގެ ރޭ ކަމުރުލް އާ ފޯނުން ވާހަކަ ދެކެވިފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ. ނޮވެމްބަރު 25 ވަނަ ދުވަހުގެ 1:25 ހާއިރު އޭނާ މަރާލުމަށް ފަހު ސީންކައިރިން ސީންއާ ދުރަށް ހިނގާފައި ދަނިކޮށް ސީސީޓީވީ ޕްޓޭޖް ލިބިފައިވޭ،" ދާވޫދު ވިދާޅުވި އެވެ.

މޮނީރަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަމުގެ ތުހުމަތުގައި އދ. ދަނގެތީގައި އުޅެނިކޮށް ކަމަރުލް ހައްޔަރުކޮށް އޭނާއާ ސުވާލު ކުރުމުން ކުށަށް އިއުތިރާފުވެ އޭނާ މަރާލީ ކީއްވެގެންކަން ތަހުގީގަށް ކިޔައިދިން ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އަދި އޭނާ މަރާލުމަށް ބޭނުން ކުރި ހަތިޔާރާއި އެވަގުތު ލައިގެން ހުރި ގަމީސް ޓީޖެޓީ ސަރަހައްދުން ފަޅުތެރެއަށް އެއްލާލި ކަމަށް ކަމަރުލް އިސްލާމް ބުނުމުން ފުލުހުންގެ ޑައިވިން ޓީމުން އެތަކެތި މިހާރު ހޯދާފައިވާ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.

އޭނާ އަކީ ފާއިތުވި ފަސް އަހަރު ދަނގެތީގައި މަސައްކަތްކޮށްފައިވާ މީހެއް ކަމަށާއި ހައްޔަރު ކުރި އިރު އޭނާ އަކީ އެ ރަށުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.

މޮނީރުއާ އާއިލީ ގޮތުން ގުޅުން އޮތް ބަންގްލަދޭޝްގެ އަބްދުﷲ ބުނެގެން އޭނާ މަރާލީ މާލޭގެ އޮފީހަކުން އޭނާ އަށް ރަނގަޅު ވަޒީފާއަކާއި ގިނަ އަދަދެއްގެ ފައިސާ ދޭނެ ކަމަށް ބުނެގެން ކަމަށް ތަހުގީގުގައި ކަމަރުލް ކިޔައިދީފައިވާ ކަމަށް ދަވޫދު ވިދާޅުވި އެވެ. އަދި އަބްދުﷲ އާއި މޮނީރާއި ދެ މީހުންގެ ދެމެދުގައި އާއިލީ މައްސަލަތަކާއި ފައިސާގެ މައްސަލަތަކެއް ޖެހިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އަބްދުﷲ އަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.

އޭނާ މަރުވެފައި އޮތް ތަނަށް ޑޮކްޓަރުން ގޮސް އޭނާގެ ހަށިގަނޑު ބެލި އިރު މޮނީރުގެ ކަރާއި މެއާއި މޫނަށް ތޫނުއެއްޗަކުން ހަމަލާދީ އެކިވަރުގެ ޒަޚަމްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ އިރު، އޭނާ މަރާލިކަމަށް އިއުތިރާފުވި މީހާގެ މައްޗަށް ފޮރެންސިކް ހެކިތައް އެތަނުން ލިބިފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ. އަދި ފުލުހުންނަށް ލިބިފައިވާ ސީސީޓީވީ ފްޓޭޖަކުން އޭނާ މަރާލާފައި އޮތް ގޭގެ ކައިރިން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު މޮނީރު ފެނިފައިވާ އިރު އެވަގުތުން ފެށިގެން ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު 12:00 އާއި ހަމައަށް އޭނާ ކޮށްފައިވާ ފޯން ކޯލްތައް ވެސް ފުލުހުން ހޯދާފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީސީޓީވީ ފްޓޭޖްތަކަށް ބަލާއިރު އެންމެ ފަހުން މޮނީރުފެނިފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:21 ހާކަންހާއިރު ޗާންދަނީމަގުގައި ހުންނަ އޭނާ ދިރިއުޅޭ ގެ ކައިރީގައި އޭނާ މަރާލި ކަމަރުލްއާ އެކު ހުއްޓައި ކަމަށެވެ. އަދި މިދިޔަ މަހުގެ 25 ވަނަ ދުވަހު މޮނީރާއި ކަމަރުލްއާ ދެ މީހުން ކޮށްފައިވާ ފޯން ކޯލްތަކުގެ ރެކޯޑިން ވެސް ފުލުހުންނަށް ލިބިފައިވާ އިރު އެ ދުވަހު 1:25 އެހާކަންހާއިރު މޮނީރު މަރާލުމަށް ފަހު ކަމަރުލް އެގެއިން ނުކުމެގެން ދިޔަ މަންޒަރު ހިމެނޭ ސީސީޓީވީ ފްޓޭޖެއް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ.

މޮނީރަކީ ކުރިން ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކޮށްފައިވާ މީހެއް ކަމަށާއި ނަމަވެސް މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން އޭނާ އަކީ އިއޯން ކޮންޕެނީގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އަދި މަރުވި އިރު އޭނާ އަކީ އެ ކުންފުނީގައި އޮފީސް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗާންދަނީމަގުގައި ހުންނަ 24 ނަންބަރު ގޭގައި އޭނާ ދިރިއުޅެން ފަށާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށާއި އެގޭގެ ހަތަރު ވަނަ ފަންގިފިލަ އާއި ފަސް ވަނަ ފަންގިފިލާ އަދި ހަ ވަނަ ފަންގިފުލާ އަކީ ވެސް އިއޯން ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި އިއޯން ކޮންޕެނީގެ ފަރާތުން މޯނީރުގެ ހަށިގަނޑު ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ ކަމަށް ވެސް ދާވޫދު ވިދަޅުވި އެވެ.

އޭނާގެ ދުވަސްވީ ގާތް ރަހުމަތްތެރިއަކު އޭނާ މަރާލާފައިވާ އިރު، މޮނީރަކީ އޭނާއާ އެކު މަސައްކަތް ކުރާ މީހުންނާ ގާތްގުޅުމެއް ގެންގުޅޭ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި އޭނާގެ މާގިނަ ރައްޓެހިން މިވަގުތު ރާއްޖޭގައި ނޫޅޭ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.