ނ. އަތޮޅުގައި އޮންނަ ކުރެދިވަރު ކިޔާ ފަޅުރަށަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިގެން ފުލުހުން އެ މީހަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު މިއަދު ވިދާޅުވީ ހާލުގައި ޖެހިގެން ފުލުހުންނަށް މިއަދު ހެނދުނު ރިޕޯޓްކޮށްފައި ވަނީ ނ. ކުޑަފަރީން އިއްޔެ ހަވީރު ކުރެދިވަރަށް ދަތުރު ދިޔަ 36 މީހުން ކަމަށާއި އެ މީހުން އެ ރަށަށް ދިޔައީ އޯވައިނައިޓެއް ކުރުމަށް ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑު ގަދަ ވެގެން އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ފުލުހުން ލޯންޗެއްގައި އެ ރަށަށް ގޮސް އެމީހުން ސަލާމަތުން ކުޑަފަރި އަށް ގެންގޮސްފައިވާ ކަމަށެވެ.

"އެމީހުން ގޮސް އުޅުނު ފަޅުރަށުގައި އެއްވެސް ހިޔާފަހިކަމެއް ވެސް ނެތް. އެމީހުންގެ ތެރޭގައި ކުޑަކުދިން ވެސް ތިބި. ދެން ވިއްސާރައިގެ ތެމި ފޯވެފައި އެމީހުން ތިބީ،" ހަނީފު ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައި ވަނީ ކުރެދިވަރަށް ދަތުރުދިޔަ މީހުންގެ ތެެރެއިން އެކަކުގެ ހާލު ދެރަވެގެން އެމީހާ އެ ފުލުހުންގެ ރެސްކިއުގައި ޓީމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަތުރު ދިޔަ މީހުންގެ ތެރެއިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ފިޓްޖެހިގެން ކުޑަފަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެ ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ދަތުރުދިޔަ މީހުންގެ ތެރޭގައި އަންހެނުނާއި ކުޑަކުދިންނާއި ފިރިހެނުން ވެސް ތިބި ކަމަށް ފުލުހުން ބުންޏެވެ.

މިދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން މޫސުމް ގޯސްވެ، ވައިގަދަ ވެފައި ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަލާމުވުމަށް މޫސުމާ ބެހޭ އިދާރާ އިން ނާއި ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.