19 Dec 2012, 12:02
އިސްލާމިކް ބެންކުން ޕޮއިންޓް އޮފް ސޭލް(ޕީއޯއެސް)ގެ ހިދުމަތް ފަށައިފި އެވެ.
"ފައިސާ ޕީއޯއެސް"ގެ ނަމުގައި އިސްލާމިކް ބޭންކްގެ ކޭޝް ކާޑް ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ގޮތަށް ތައާރަފް ކުރި އެ ހިދުމަތް މިއަދު ތައާރަފް ކޮށްދެއްވީ އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓާ ހަރިތް ހާރޫން އެވެ.
އިސްލާމިކް ބޭންކުގެ ހެޑް އޮފް ކާޑް ސާވިސް އަހުމަދު ރިޒާ މިއަދު ވިދާޅުވީ އެ ހިދުމަތަކީ އެ ބޭންކުގެ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމަކާ އެކު ތައާރަފްކުރި ހިދުމަތެއް ކަމަށާއި ހިލާފަށް ފޯނު ލައިނެއް ބޭނުންނުވުމުން އެމެޝިން ބޭނުންތާކަށް ގެންދެވޭނެ ކަމަށެވެ.
"މި ޕީއޯއެސް މެޝިނަކީ މޯބައިލް ޕީއޯއެސް މެޝިނެއް، މިސާލަކަށް ކަސްޓަމާ ރެސްޓޯރެންޓް މޭޒެއްގެ ދޮށުގައި ސައިފޮދު ހިއްޕަވަން އިންނަވާފައި ޕިން އާއި ކާޑާ ކޮންމެހެން ވޭޓަރު އަތަށް ދީފައި ފޮނުވާކަށް ނުޖެހޭ، މެޝިން ކަސްޓަމާއާ ހަމަ އަށް ގެނެސް ކަސްޓަމާ އަށް ޕިން ޖެހޭނެ،" ރިޒާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިއަދު އެ މެޝިން ލޯންޗް ކުރި އިރު މިހާރު ވެސް މާލޭގެ 50 ފިހާރައަކުން އެ މެޝިންގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އަދި ކުރިއަށް އޮތް އަހަރު ރާއްޖެތެރެ އަށް ވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.