އަވަށްޓެރި އިންޑިއާއަކީ ދިވެހިންގެ ބޭސްފަރުވާ އާއި އެނޫން ވެސް ޒަރޫރީ އެތައް ބޭނުމެއްގައި ގަވައިދުން ދަތުރުކޮށް އުޅޭ ގައުމެކެވެ.

ކަން މިހެން ހުރި އިރު އެގައުމަށް ދިއުމަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިއާ ޖެހެންދެން ދާދި ފަސޭހަ ކަމެއްގެ ގޮތުގައި އޮތް ކަމެކެވެ. އޮން އެރައިވަލް ވިސާގެ ގޮތުގައި ލިބޭ ޓޫރިސްޓް ވިސާގައި ގޮސް ގިނަ ކަންތައްތަކެއް ކޮށްލެވެ އެވެ. ނުވިތާކަށް ޓޫރިސްޓް ވިސާގައި ގޮސް އިންޑިއާގައި ތިބެފައި ވެސް އެހެން ވިސާއަކަށް އެދި، އެ ވިސާ ހޯދެ އެވެ.

ނަމަވެސް ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ. އިންޑިއާ ސަރުކާރުން ވިސާގެ ގަވައިދަށް ގެނައި ބަދަލާ އެކު އެ ގަވައިދުގައި ނުހިމެނޭ އެތައް ދައްޗެއް ވެސް ވަނީ ދިވެހިންނަށް ކުރިމަތި ކުރުވާފަ އެވެ.

"މިހާރު ދުވާލަކަށް މި ދޫކުރަނީ އެންމެ 40 ނަމްބަރު، މިހާރު ތިން ދުވަސް މިވަނީ ވިސާ އަށް އެޕްލައި ނުކުރެވިގެން އުޅޭތާ. އަޅުގަނޑުގެ ދަރިފުޅު އޮތީ އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި. މިހިރީ އެކަން އަންގައިދޭ ލިއުންތައް، މިއަދު ވެސް މިވީ ކެންސަލް،" ވެހެމުން ދިޔަ ވާރޭގައި ހެނދުނުން ފެށިގެން އިންޑިއާ ހައިކޮމިޝަންގެ ކިއުގައި ހުރި މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ އެންމެ ބޮޑު ދައްޗަކީ އޮންލައިންކޮށް އެޕްލައި ކުރަން ޖެހޭތީ ކަމަށެވެ.

"އޮންލައިންކޮށް، އެޕްލައިކޮށްފައި ޕްރިންޓް ކޮށްގެން ގެންނާށޭ މިބުނަނީ. ކިހިނެތް ކޮންމެ މީހަކު މިކަން މިގޮތަށް ކުރާނީ،" އުމުރުން ދުވަސްވީ އަންހެނަކު ގޮވައިގެން ގޮސް ހުރި މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ މިހާ ބޮޑު ކިއުއެއް ހަދައިގެން ތިބޭ އިރު ހައިކޮމިޝަނުގެ މުވައްޒަފުން އެމީހުންނާ މެދު މުއާމަލާތް ކުރަނީ ވަރަށް ރުޅިވެރިކަމާ އެކު ހުތުރުކޮށް ކަމަށެވެ.

"މިއަންހެން މީހާއަކީ އުމުރުން ދުވަސްވީ މީހެއް ވީމާ ސޮއިކުރުން ފަދަ ކަމެއްގައި ދައްޗެއް ވެދާނެތީ އަޅުގަނޑު އޭނާ ގޮވައިގެން އައީ، މިމީހުން މީނާއާ މުއާމަލާތް ކުރީ ވަރަށް ރުޅިވެރިކަމާ އެކު،" އަންހެން މީހާއާ ހަވާލުވެގެން ގޮސް ހުރި ޒުވާނާ ބުންޏެވެ.

އޭނާ އެ ދެއްކި ވާހަކައިގެ ހެކި އަހަރެމެންނަށް ދާދި އަވަހަށް ފެނުނެވެ. ދަރިފުޅު އައިސީޔޫގައި އޮތީމާ އެހެން ގޮތެއް އޮތްތޯ ހައިކޮމިޝަނުގެ މުވައްޒަފަކާ ވާހަކަ ދެއްކި ޒުވާނާ އަށް އެ މުވައްޒަފު ޖަވާބުދާރީވީ ވަރަށް ރުޅި އައިސްފައި ހުރެގެންނެވެ.

އުމުރުން ދުވަސްވީ އަންހެން މީހާ ގޮވައިގެން ގޮސް ހުރި ޒުވާނާއާ އާއި ދަރިފުޅު އައިސީޔޫގައި އޮތް ކަމަށް ބުނި ޒުވާނާ މާޔޫސް ކަމާ އެކު ހައިކޮމިޝަނުން ނުކުންނަން އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ހައިކޮމިޝަނުން ނުކުމެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންނަށް މިކަން ރަނގަޅުކޮށްދެއްވާ،" ޝާހިދު އަރިހު އެޒުވާނާ ދެންނެވި އެވެ. "އަޅުގަނޑު ވެސް މިއުޅެނީ ހަމަ ތިކަމާ،" އޭނާ އަށް ޝާހިދު ދެއްވީ މިޖަވާބެވެ.

އިންޑިއާ ދިއުމަށް ވިސާ ދޫކުރުމަށް އެއް ހަފުތާގެ މުއްދަތެއް ހޭދަވާނެ ކަމަށާއި އެއީ ޓެކްނިކަލް ސަބަބުތަކަށް ޓަކައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.

ހައިކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ވިސާ ހޯދަން އެދޭ ފަރާތްތަކަށް ދައްޗެއް ދިމާ ވިޔަ ނުދިނުމަށް ޓަކައި ވަގުތު އޮއްވައި ދަތުރު ރާވައި ވިސާ އަށް އެދުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

އަދި ބުނެފައި ވަނީ ވިސާ ނުހޯދައި، (އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް) ދިވެހިންނަށް އިންޑިއާ އަށް ދަތުރު ކުރެވޭނީ ޓޫރިސްޓުންގެ ގޮތުގައި ކަމަށާއި އެހެން ވީމާ އެނޫން ބޭނުމަކަށް ދަތުރުކުރާ ނަމަ، އެ ދަތުރަކާ ގުޅޭ ވިސާއެއް ހޯދުމަށް އެދި، އެ ވިސާއެއް ހޯދައިގެން ދަތުރުކުރުމަށް އިރުޝާދުދޭ ކަމަށެވެ.

އިންޑިއާ އަށް ދިއުމަށް ބޭނުންވާ ޓޫރިސްޓް ވިސާ ފިޔަވައި އެހެން ވިސާތައް ހޯދުމަށް ކުރިން ހޭދަވަނީ ދެ ދުވަސް ނުވަތަ ތިން ދުވަހެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާހޯދުމަށް ހޭދަވާ މުއްދަތަށް މިއައި ބަދަލަކީ ޓެކްނިކަލް ސަބަބުތަތަކާ ހެދި އައި ބަދަލެއް ކަމަށާއި އެކަމުގައި އެހެން ސަބަބެއް ނެތް ކަމަށެވެ. ވިސާ ހޯދުމަށް ދަތިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އިންޑިއަން ހައިކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.