26 Sep 2010, 03:27
މުޖުތަމައެއްގެ ތަހުޒީބާއި ތަމައްދުނު އެންމެ ގާތުން ވަޒަންކުރެވޭ އެއް ތަނަކީ އެ ތަނެއްގެ މަގުމައްޗެވެ. އަޅުގަނޑު މި ދެންނެވި ބަސް އެންމެ ގާތުން ވަޒަން ކުރެވޭ ދެ ގައުމަކީ ސިންގަޕޫރާއި ޖަޕާނެވެ. ސިންގަޕޫރަކީ ގައުމު ނޫނީ ރަށުގެ ސައިޒަށް ބަލާއިރު ވަރަށް ކުޑަ އަދި ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. ޖަޕާން އެ ރޮނގުން ކިޔާނެ ކަމެއް ނެތެވެ؛ އެއީ މާ ތަހުޒީބީ ގައުމަކަށް ވާތީ އެވެ. ނަމަވެސް މަގުމަތީގެ ސާފުތާހިރުކަމާއި ދުއްވާ އެއްޗެތީން މަގުތަކަށް ބޭރުކުރާ ވިހަ ގޭހާއި ކެޕިޓަލް ސިޓީ ފެހި ކުރުމަށް ހިންގާ މަޝްރޫއުތަކަށް ބަލާއިރު އެއީ ނަމޫނާ އެކެވެ. މުސްކުޅިވުމަށް، އަދި އެންމެ އުމުރު ދިގުކޮށް ދިރިއުޅެވޭ، އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ނިއުސްވީކުން ޖަޕާން ފާހަގަކޮށްފައި ވަނީ ވެސް އަޅުގަނޑު ހިތުން، މިދެންނެވި ފަދަ ސަބަބުތަކާ ހުރެ އެވެ. ސިންގަޕޫރަކީ ވެސް މަގުމަތީގެ ތަހުޒީބާއި ރަށް ކުޑަ ނަމަވެސް ތޮއްނުޖެހި އެއްޗެތި ދުއްވޭނެ ފަދަ އިންތިޒާމުތައް ގާއިމުކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ގައުމެކެވެ.
ވަރުން، އެ ގައުމުތަކާ އަޅުގަނޑުމެންނަކަށް އަޅައެއް ނުކިއޭނެ އެވެ. އެއީ ބަހުސެއް އޮތް ކަމެއް ނޫނެވެ. އެ ބަހުސު ކުރާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު މާލޭގެ މަގުތަކަކީ މީހުން ހިނގައި ބިނގައިވެ އުޅުމަށް ރައްކާތެރި ތަނެއްތޯ އެއީ އަޅުގަނޑު ހިތުން ސުވާލެކެވެ. ހަމަ އެކަނި ހިނގައި ބިނގައިވުމަށް ނޫނެވެ. އެއްޗެތި ދުއްވުމަށް ވެސް މިހާރު މާލޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. މަގުތަކުގައި އެމީހަކާއި އެ މީހެކެވެ. ކޮންމެ މީހަކު ވެސް ބަލަނީ އެ މީހަކަށް ވީ ގޮތަކަށް ކުރިއަށް އަރައިގެން ދެވޭތޯ އެވެ. އޭގައި ކަނާތްފަރާތެއް ވާތްފަރާތެއް ނޯވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވައިދުގައި ބުނާ، ދެ އުޅަނދުގެ ދޭތެރޭގައި 10 ފޫޓްގެ ޖާގައެއް ބާއްވައިގެން އެއްޗެތި ދުއްވުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ ޕާކް ކުރުމާއި ވެހިކަލްތައް ހުއްޓާފައި މީހުން އެރުމާއި އެއްޗެތި ބޭލުމުގައިވެސް އުސޫލެއް ނެތެވެ. ކޮންމެ މީހަކު ވެސް ބަލަނީ އެ މީހެއްގެ މުހުތާދު ފުއްދޭނެ ގޮތަކީ ކޮބައިތޯ އެވެ.
ކާނުތައް ސާފުކުރުމާއި ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަށް މަގުތައް ބަންދު ކުރުމުގެ ހުއްދަ ދިނުމުގައި ވެސް ހަމައެއް ލަމައެއް އޮތްހެނެއް ހިއެއް ނުވެ އެވެ. ދުވާލުގެ އެންމެ ކާރޫބާރޫ ބޮޑުވާ ގަޑިތަކުގައި އެއް ސަރަހައްދަކުން ދެތިން ތަނެއް ބަންދުކޮށް ޝީޓް އެޅުމުގެ މަސައްކަތް ކުރުމުގެ ހުއްދަދީފާނެ އެވެ. އޭރު އެ މަގުތަކުން ދަތުރުކުރާ މީހުންނަށް ވެދާނެ އުނދަގުލަކާ ދޭތެރޭ ވިސްނާލުމެއް ނޯވެ އެވެ. ކުރިން ކޮންމެވެސް ވަރަކަށް ތައާރަފު ކުރަން އުޅުނު، ބޮޑެތި ޝީޓްތައް އެޅުމަށް ރޭގަނޑުގެ ދަންވަރުގެ ގަޑި ހާއްސަ ކުރުމުގެ ވިސްނުމެއް މިހާރަކު ނެތެވެ. އެހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މަގުމަތީގެ ސައިންތައް އާކުރާތަނެއް ނުފެނެ އެވެ. ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުފަހަރު ނެގުމުގައި ވެސް އެއީ ހަމައެއް ލަމައެއް އޮންނަ ކަމެއް ނޫނެވެ. ނުގަވައިދުން ޕާކްކޮށްފައި އޮންނަ ހަތަރު ފުރޮޅުލީ އުޅަނދެއް ނުނެގެ އެވެ. އެކަމަކު ސައިކަލްތަކަށް އެ ހުކުމެއް ނުހިނގަ އެވެ. ނަގާ ކޮންމެ ސައިކަލެއް ދޫކުރަނީ 350 ރުފިޔާ ދެއްކުމުންނެވެ. ސުވާލަކީ ސައިކަލެއް ނެގުމަށް ހަމަ އެވަރު ހަރަދުވަނީތޯ އެވެ؟ މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކްކުރި ކުރީނުން ކޮޅަކުންކުރެ ކޮޅަކަށް ގުޑާނުލިއަސް ވަރިހަމަ އެވެ. ހަތަރު ފުރޮޅުލީ އުޅަނޑުފަހަރު ނަގާ ވެހިކަލް ހަލާކުވުމުން އެ އުޅަނދުފަހަރަކަށް އެ ގަވާއިދެއް ނުހިނގަ އެވެ. ދެން ބުނާނީ ކީކޭތޯ އެވެ. ރަށުތެރޭގައި ހުރި ވޯކްޝޮޕް ފަދަ ތަންތަނަށް ޖާގަ ދިނުމަށް ހުޅަނގު ދެކުނު ހާބަރުން، ކުރީގެ ސަރުކާރުން ކަނޑައެޅި ބިންތައް ނުއަގުގައި އެއޮއް ވިއްކައި ނަގަނީ އެވެ؛ މާލިއްޔަތު ގާނޫނު ތަސްދީގުނުކޮށް ބާއްވައިގެންނެވެ.
އަޅުގަނޑުމެންނަށް، އާދެ މާލޭގެ ރައްޔިތުންނަށް މިވަގުތަށް ކުރެވޭނެ އޮތީ އެންމެ ކަމެކެވެ. އެއީ ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެކަންކަމަށް ވިސްނަވައި ރަނގަޅު ގާބިލު މޭޔަރަކު ހޮވުމެވެ؛ އެ މީހަކީ މާލޭގެ ރައްޔިތުންގެ އިހުސާސްތައް ގާތުން ދަންނަ ބޭފުޅަކަށް ހައްދަވާށެވެ. މާލޭ މުނިސިޕަލްޓީގެ ރައީސަކަށް މާލޭ ތިލަ ހުސައިން އަލިދީ ހުންނެވި އިރު، އެ ތަފާތު އޭނާ ވަނީ އަޅުގަނޑުމެންނަށް ދައްކުވައިދީފަ އެވެ. ކުރީގެ ބޮޑު އިންޖީނުގެ ހުރި ތަނާއި ރެންޓަލް ޑިވިޝަން ހުރި ތަނާއި މީހުން ވަޅުލުން ހުއްޓާލާފައި ހުރި ސަހަރާ ފަދަ ތަންތަނުގައި ފެހި ޕާކްތައް ހަދައި ރަށު ތެރެއިން ހުސް ޖާގަ އިތުރުކޮށް، "ނޭވާ ލުމަށް" އޭނާ ވަނީ ޖާގަ ތަނަވަސްކޮށްދީފަ އެވެ. އަޅުގަނޑުމެން ބޭނުން ވަނީ އެފަދަ ބޭފުޅުންނެވެ.
އަޅުގަނޑުމެން މާލެ ފެހި ކުރަން ޖެހޭނެ ވާހަކަ އާއި ހުސްޖާގަ އިތުރަށް ބޭނުންވާ ވާހަކަ މި ދައްކަނީ އަލަކަށް ނޫނެވެ. ދަރުބާރުގޭގެ ދެކުނަށް އޮތް ބިމުގައި ބޮޑު ކޮންކްރީޓް ފަރުބަދައެއް ފަދަ މާ ސިންގާ ބޮޑު ހޮޓަލެއް އަޅައިގެން ނުވާނެ ކަމަށް ވެސް އަޅުގަނޑުމެން ވަކާލާތު ކުރީމެވެ. ހަމަ އެހެންމެ މާލޭގެ މޫނުމަތީގެ ޑިޒައިން ގެއްލޭ ގޮތަށް އެ މީހަކު ހިތުހުރި ގޮތަކަށް ޕެންޓަ ހައުސް ގާއިމުކުރުމަކަށް ފުރުސަތު ދޭކަށް ނުޖެހެ އެވެ. އަމިއްލަ "އޮރިޔާން" ނިވާ ކުރާ ގޮތަށް ގައުމުގެ މޫނުމަތީގެ "އޮރިޔާން" ވެސް އަޅުގަނޑުމެން ނިވާ ކުރަން ބޭނުންވެ އެވެ.