19 Dec 2012, 11:14
ޓޫރިޒަމްގެ ދާއިރާ އިން 15 ޕަސެންޓްގެ ޓީ-ޖީއެސްޓީއެއް ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމް ސެކްޓާ އަށް ބަދަލެއް އައިސްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކުރަން ދާދިފަހުން ރާއްޖެވަޑައިގަތް އައިއެމްއެފްގެ ވަފުދުން ވަނީ ސަރުކާރަށް ލަފާ އަރުއްވައިފަ އެވެ. ބަޖެޓާ އެކު ފިނޭންސް މިނިސްޓްރީން ވެސް އެ އިސްލާހު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ބަޖެޓްގެ އާމްދަނީގެ މައްސަލައިގައި ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ ޓީ ޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކުރުމަކީ މައްސަލައެއް ނޫން ކަމަށް އައިއެމްފުން ވެސް ލަފާދީފައިވާ ކަމަށާއި އެ ބޭފުޅުން އެގޮތަށް ލަފާދެނީ ގިނަ ދިރާސާތަކަކަށް ފަހު ކަމަށެވެ.
"ޓޫރިސްޓުންނަކަށް 15 ޕަސެންޓް ޓެކްސްއެއް ދައްކަން ޖެހުމުން މައްސަލައަކަށް ވާނެ ކަމަކަށް ނުދެކެން. އެގޮތަށް އެ ޓެކްސް އޮތަސް ޓޫރިސްޓުން ރާއްޖެ އައުމަށް ބަދަލެއް ނާންނާނެ ކަމަށް އައިއެމްފްއިން ވިދާޅުވޭ،" ފަޒީލް ވިދާޅުވި އެވެ. "އެއީ ދުނިޔޭގެ ގައުމުތަކުގައި ވެސް 25 ޕަސެންޓް 30 ޕަސެންޓް ވެސް ނަގާ. ދާދި ފަހުން އަޅުގަނޑު މުމްބާއީ އަށް ގޮސްފައި ހުރި ހޮޓަލެއްގައި ވެސް ޖީއެސްޓީ ނަގާފައި އަދި ވެސް ޓެކްސް ވެސް އެބަނަގާ. އެހެންވީމާ ޓޫރިސްޓުންނަށް މައްސަލައަކަށް ވާނެ ކަމަށް ނުފެނޭ،"
އޭނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ޓެކްސް ނަގަން ޖެހޭނީ އެ ގައުމެއްގެ އާންމު ރައްޔިތުންނަށް އޭގެ ބުރަ ބޮޑުނުވާނެ ގޮތަކަށް ކަމަށާއި ގިނަ ގައުމުތަކުގައި ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުކުރަނީ އާންމު ރައްޔިތުންނަށް ޓެކްސް ބުރަ ކުޑަކުރުމަށް ކަމަށެވެ.
"އެއީ ޓޫރިޒަމް އިން އެގޮތަށް ޓެކްސް ނެގިއަސް އޭގެ މާބޮޑު މައްސަލައެއް ނެތީމާ އޭގެ ބުރަ ރައްޔިތުންނަށް ކުރިމަތިނުވާނެތީ އެގޮތަށް ޓުރިޒަމް އިން ބޮޑަތި ޓެކްސް ނަގަނީ. އެއީ ޝީސެލްސް އަދި މޮރިޝިއަސްގައި ވެސް މިނަގަނީ ރާއްޖެއާ ބަލާފައި ޓޫރިޒަމް އިން ބޮޑެތި ޓެކްސްތައް،" ފަޒީލް ވިދާޅުވި އެވެ.
ބަޖެޓުން ކޮމެޓީން ޓީ ޖީއެސްޓީ ބޮޑުކުރަން ދެކޮޅުހައްދަވަ އެވެ. ކޮމެޓީގެ ގިނަ މެންބަރުންގެ ވިސްނުން ހުރީ ބެޑް ޓެކްސް އުވާލައި ޓީޖީއެސްޓީ 12 ޕަސެންޓް ބޮޑުކުރާށެވެ.
ފަޒީލްގެ ވާހަކަތަކަށް ރައްދުދެއްވައި ބަޖެޓް ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޓޫރިޒަމް ކުރިނޭރުވޭނޭ ކަމަށް ވެސް ބުނި ކަމަށާއި ބޭރުގެ ފަރާތްތަކުން ދައްކާ ހުރިހާ ވާހަކައެއް ގަބޫލުކުރަން ހެޔޮނުވާނެ ކަމަށެވެ.
"މިތަނުގެ ޓޫރިޒަމް އޮތްގޮތާއި މިކަންތައްތައް ނޭނގޭނެ ދެތިން ދުވަހު މިތާ ތިބެފައި އެއްޗެއް ބުނެލާ ބަޔަކަށް. އެ މީހުންނަށް ރަނގަޅު ދިރާސާއެއް ނުކުރެވޭނެ. ދުނިޔޭގެ މިކަހަލަ ޖަމްއިއްޔާތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލަން ބަޔަކު އުޅޭކަން ވެސް ދަންނަންވާނެ، އެކަމަށް ސަމާލުވާންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.