19 Dec 2012, 11:05
ލ. ކައްދޫ އެއާޕޯޓްގައި ބޭނުންކުރާ ފަޔާ ލޮރީ އަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކެނޑިފައި ވުމުން ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ދިވެހިން ދަތުރުނުކުރެވި ތާށީވެއްޖެ އެވެ.
ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ކައްދޫގެ އޮޕްރޭޝަންތައް މެދުކެނޑުމަކަށް އައިސްފައި ވާތީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން 70 ޓޫރިސްޓުން މިއަދާ ހަމައަށް ނުފުރިވާ ކަމަށާއި 140 ދިވެހިންނަށް ދަތުރުނުކުރެވިފައިވާ ކަމަށެވެ.
"އަދި އަޅުގަނޑުމެނަކަށް އެނގިފައިއެއް ނެތް ހިދުމަތްފެށޭ ވަގުތެއް. ހަމަ އެ ބޭފުޅުންގެ ކޯލަކަށް އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ،" ނަޝާތު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިދިޔަ އާއްދިތަ ދުވަހު ހަތަރު ދަތުރު ލަސްކޮށްފައިވާ އިރު އިއްޔެގެ ހުރިހާ ދަތުރުރެއް ވެސް ކެންސަލް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ މިހާތަނަށް ވެސް އެއްވެސް ދަތުރުރެއް ނުކުރެވިފައިވާ ކަމަށެވެ.
އެ މައްސަލާގައި ކައްދޫ އެއާޕޯޓަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވާ އިރު އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކައްދޫ އެއާޕޯޓްގެ ހިދުމަތް މެދުކެނޑިގެން އުޅެނީ އެއާޕޯޓްގައި ބޭނުންކުރާ ހަމައެކަނި ފަޔާލޮރީ އަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ފަޔާލޮރީ ސްޓާޓް ނުކުރެވުމުގެ ސަބަބުންނެވެ. ކައްދޫ އެއާޕޯޓްގެ އިންޗާޖު އަހުމަދު އަލީ މީގެ ކުރިން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަޔާ ލޮރީ މަރާމާތުކުރުމުގެ މަސައްކަތް ޓެކްނީޝަނުން މިހާރު ކުރަމުން އަންނަ އިރު ފަޔާލޮރީ މަރާމާތްކުރުމަށް ބޭނުންވާ ބައެއް ސާމާނު ނެތުމުން އެ މަސައްކަތް ނުކުރެވިފައިވާ ކަމަށެވެ.
އޭވިއޭޝަން ގަވާއިދު ބުނާ ގޮތުން ފަޔާލޮރީ ނެތި އެއާޕޯޓަކަށް ފްލައިޓެއް ޖެއްސުމަކީ މަނާ ކަމެކެވެ. އަދި އެގޮތަށް އޮޕަރޭޝަން ހުއްޓާލަން ޖެހުމުން ބައެއް އެއާލައިންތަކަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.