19 Dec 2012, 10:19
ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލު މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބާއި ވާދަކޮށް ޓީ-ރެކްސް އިން މެޗު ކާމިޔާބު ކުރީ 55 ޕޮއިންޓު 80 ޕޮއިންޓުން ނެވެ.
މެޗުގައި ގުޑީސް އަށް އެންމެ ގިނަ ޕޮއިންޓު ހަމަކޮށް ދިނީ 21 ޕޮއިންޓް ނަގައިދިން އާމިނަތު ޝާއިނާ އެވެ. ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށް ދިނީ މެޗުގައި 30 ޕޮއިންޓް ހޯދައިދީ އަދި ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީ-ރެކްސް ގެ އާމިނަތު ޝިއުރާ އެވެ.
ރޭގެ މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް އަދި އެކިއެކި ވަނަވަނަ އަށް ދިޔަ ފާރާތްތަކަށް މެޑެއްޔާއި ޓްރޮފީއާއި ހަނދާނީ ލިޔުން ދިނުން އޮތެވެ. އިނާމުތަށް ހަވާލުކޮށް ދެއްވީ ފައިނަލު މެޗުގެ ޝަރަފުވެރި މެހެމާނު، ކުރީގެ ސްޕޯޓްސް މިނިސްޓަރު ރާޝިދާ ޔޫސުފް އެވެ.
މިއަހަރުގެ ޤައުމީ ބާސްކެޓްބޯޅަ މުބާރާތު އަންހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން، އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޝިޒްނާ ރަޝީދު އެވެ. އެންމެ މޮޅު އޮފެންސިވް ޕްލޭޔަރަކީ ގުޑީސް ސްޕޯޓްސް ކްލަބުގެ ފާތިމަތު ރިޝްމާ އެވެ. އެންމެ މޮޅު ޑިފެންސިވް ޕްލޭޔަރަކީ ވިކްޓަރީގެ ނަޝްފާ އާމިރު އެވެ. އަދި މުބާރާތުގެ ހައި ސްކޯރާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީރެކްސްގެ އައިމިނަތު ޝިއުރާ އެވެ.
މީގެ އިތުރުން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ބެސްޓް ކޯޗަކީ ޓީރެކްސްގެ ކޯޗް އިބްރާހިމް ނާހިދު އެވެ. އެކާވީސް އަހަރުން ދަށުގެ އުއްމީދީ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ގުޑީސްގެ އާމިނަތު ސަމްހާ އެވެ.