19 Dec 2012, 10:16
ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް "ބެލަންޑިއޯ" އެވޯޑް ލިބުން ހައްގީ ޔުވެންޓަސްގެ އިޓަލީ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އަށް ކަމަށް އެކުލަބުގެ ކޯޗް އެންޓޯނިއޯ ކޮންޓެ ބުނެފި އެވެ.
އިޓަލީ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ އެޓްލާންޓާއާއި ދެކޮޅަށް ކުޅެ 3-0 ލަނޑުން ޔުވެންޓަސް މޮޅުވި މެޗުގައި ޕިރްލޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ. އެމެޗުގައި ޕިރްލޯ ވަނީ ވަރަށް ހިތްގައިމު ހިލޭ ޖެހުމަކުން ލަނޑެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ.
ބެލަންޑިއޯ އެވޯޑަށް ޝޯޓްލިސްޓް ކުރި ތިން ކުޅުންތެރިންގެ ތެރޭގައި ޕިރްލޯގެ ނަން ނުހިމެނުނު ކަމުގައި ވިޔަސް އެއެވޯޑް ކޮންޓެ ދޭނީ ޕިރްލޯ އަށް ކަމަށް އޭނާ ބުނެފައިވެ އެވެ.
"މެސީ އެއްހާސް ލަނޑު ކާމިޔާބު ކުރިޔަސް، އަހަރެން ބެލޮންޑިއޯ އެވޯޑް ދޭނީ ޕިރްލޯ އަށް. އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދަން އަހަރެން ބޭނުން. ކުރިއަށް އޮތްތާގައި އެއެވޯޑް ލިބޭނެ ކަމަށް އުންމީދުކުރަން." ކޮންޓެ ބުންޏެވެ.
ބެލަންޑިއޯ އެވޯޑަށް ފުރަތަމަ ޝޯޓްލިސްޓްކުރި 23 ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަންގައި އޭސީ މިލާނުން ފެނުނު ޕިރްލޯ ހިމެނުނެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ލިސްޓުން ޕިރްލޯއަށް ޖާގައެއް ލިބިފައެއް ނުވެ އެވެ.
ބެލަންޑިއޯ އެވޯޑަށް ޝޯޓްލިސްޓް ކުރި ތިން ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނެލް މެސީ އަދި އަންދްރޭސް އިނިއެސްޓާ އެވެ.