19 Dec 2012, 09:47
ދިވެހި ދައުލަތުގެ ޔޫސެބުލް ރިޒާވް ނޫނީ ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި މިހާރު ހުރީ 103 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ ގުރޮސް ރިޒާވް ނޫނީ ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 299 މިލިއަން ޑޮލަރު ކަމަށެވެ. އަދި ނެޓް ރިޒާވް، ނޫނީ އެމްއެމްއޭގެ ގާނޫނުން އެ ބޭންކުގެ ރިޒާވްގެ ގޮތުގައި ބަހައްޓަން ލާޒިމް ކުރާ ރިޒާވުގެ ގޮތުގައި 91 މިލިއަން ޑޮލަރު ހުރި އިރު ޔޫސެބުލް ރިޒާވް އަކަށް ހުރީ 103 މިލިއަން ޑޮލަރުކަމަށް ފަޒީލް ވިދާޅުވި އެވެ.
"ޔޫސެބުލް ރިޒާވަކީ ފައިނޭންސްގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ރިޒާވަކީ، އެހާވަރު އެގޮތަށް ބޭނުންކުރެވެން ހުރީ،" ފަޒީލް ވިދާޅުވި އެވެ.
ދާދިފަހުން ސަރުކާރުން ވަނީ އިންޑިއާ އަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު އެމްއެމްއޭގެ ރިޒާވުން ނަގައިގެން އިންޑިއާ އަށް ދައްކައިފަ އެވެ.
ފަޒީލް ވިދާޅުވީ އަންނަ އަހަރު އެމްއެމްއޭ އިން މަނިޓަރީ ސިޔާސަތު ވަރަށް ބޮޑަށް ތާށިކުރަން ޖެހޭ ކަމަށާއި ޕޮލިސީ ރޭޓްތަކަށް ބަދަލުތަކެއް ގެނެސްގެން ވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަމަލީ ގޮތުން މަނިޓަރީ ޕޮލިސީ ތާށި ކުރުމަށް އެމްއެމްއޭގައި ހުންނަ ސަރުކާރުގެ އެކައުންޓްގައި ވަކި އަދަދެއް ބެހެއްޓުމަށް ޝަރުތުކުރަން ޖެހޭ ކަމަށެވެ.
"ބަޖެޓުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން މީލާދީ މަހެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގައި އެންމެ ގިނަވެގެން އޮންނަންވާނެ އޯވަޑްރާފްޓް ބާކީގެ މިންވަރެއް. މިސާލަކަށް؛ 140 މިލިއަން ރުފިޔާ ކަނޑައެޅުއްވުމާއި އެކަމަކު އެ މަހެއް ނިމޭއިރު އެންމެ ގިނަވެގެން އޮންނަންވީ އޯވަޑްރާފްޓް ބާކީ އަކީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅުއްވުމަކީ ކުރަންޖެހޭ ކަމެއް،" ފަޒީލް ވިދާޅުވި އެވެ.
ބަޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ޕްރައިވެޓްސެކްޓަރުން ބޮޑެތި އަދަދުތަކުން ޓީ ބިލް ގަންނަކަން ފާހަގަ ކުރައްވަމުން ފަޒީލް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ގަނެފައިވާ ޓީބިލްތަކަށް އަދިވެސް ފައިސާ ނުދައްކާ ރޯލް ކުރަމުން ދިޔުމުގެ ސަބަބުން ބޭންކްތަކުން ޓީ ބިލްގަތުމަށް ފަސްޖެހޭކަން ފާހަގަކުރެވޭ ކަމަށާއި ޓީ ބިލްގަތުމަށް ބޭންކްތައް ވަރުބަލިވެފައިވާ ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި އުޅޭ ކޮންފިޑެންސް [އިތުބާރުގެ] މައްސަލަ ރާއްޖޭގައި ވެސް އެބަ ކުރިމަތިވޭ. އެއީ ރާއްޖޭގައި އުޅޭ މައްސަލައަކާއި މުޅި ދުނިޔޭގެ ވެސް މައްސަލައަކުން ކުރިމަތިވާކަމެއް. ޕްރައިވެޓް ސެކްޓަރު ވެސް މިކަމުގެ ސަބަބުން އެބަ ހީނަރުވެގެން ދޭ،" ފަޒީލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް އުނދަގުލުން ނަމަވެސް ހައްލުކުރެވޭނޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުން ރާއްޖެ އަށް މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައަކީ އާމްދަނީ ލިބުން މަދުވުމުގެ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖެ އަށް ކުރިމަތި ވަނީ ހަރަދުތައް ބޮޑުވެ އެބައި ކުޑަނުކުރެވުމުގެ މައްސަލައެއް ކަމަށް ފަޒީލް ވިދާޅުވި އެވެ.
"ރެވެނިއުގެ މައްސަލައެއް ނެތް. ރަނގަޅަށް އާމްދަނީ ލިބޭ. ހަރަދުތައް އެއާއެއްވަރަށް ކުޑަނުކުރެވުން މައްސަލައަކީ. ބަޖެޓް ހަދާއިރު ވެސް ބަލަންވީ ހަރަދުތަކުގެ މިންގަނޑެއް ކަނޑައަޅައިގެން އެއާ އެއްވަރަށް ބަޖެޓް ބައްޓަކުރަން. ރާއްޖެ އަށް ކުރިމަތިވަނީ ހަރަދުތަކުގެ މައްސަލައެއް،" ފަޒީލް ވިދާޅުވި އެވެ.