19 Dec 2012, 09:43
ޖަލަށް ހުކުމްކޮށްފައި ވަނިކޮށް މާލެތެރެ އަށް ދޫވެގެން އުޅުނު ތިން މީހަކު ހައްޔަރުކޮށް ޑީޕީއާރްއެސްއާ ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މާލެއަކީ އަމާންތަކަށް ހެދުމަށް ހުއްޓުމެއް ނެތި 24 ގަޑިއިރު ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި ކަމަށެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ކުރެވުނު މަސައްކަތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ހައްޔަރުކޮށް ޑީޕީއާރްއެސްއާ ހަވާލު ކުރުމުގެ އިތުރަށް ތަފާތު އެކި މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށް 124 މީހަކާއި ސުވާލުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކި އެކި މައްސަލަތަކުގެ ތުހުމަތުގައި 18 މީހެއްގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާ އިރު ޓްރެފިކް ގަވާއިދާ އެއްގޮތަށް ދުއްވާތޯ ބެލުމަށް ޗެކްޕޮއިންޓްތައް ގާއިމްކޮށްގެން ޖުމްލަ 272 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާ އިރު ޑިސެމްބަރު 16 އިން 17 އަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތކުގެ ޖުމްލަ އަދަދަކީ 12 އެވެ. އޭގެ ތެރޭގައި ހިމެނެނީ ވައްކަމުގެ 01 މައްސަލައަކާއި އެކްސިޑެންޓުގެ ތިން މައްސަލަ އާއި މަސްތުވާތަކެތީގެ އެއް މައްސަލައަކާއި އެހެނިހެން ހަތް މައްސަލައެކެވެ.
މީގެ އިތުރުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ގުރޫޕް ހަދައިގެން މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވާ ސުވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.