19 Dec 2012, 09:36
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށްވާރޭވެހި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެތީ ކުރިއަށް އޮތް ތިން ގަޑިއިރުތެރޭގައި މޫސުމަށް ވަރަށްބޯޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކާއި އަދި އާންމުކޮށް ދަތުރުކުރައްވާ އެންމެހާ ފަރާތްތަކުން ވެސް މޫސުމަށް ރައްކާތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުގެ ވެދާ ފޯކާސްޓް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާ އެކު ވިއްސާރަ ކުރާނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން ގަޑިއިރުތެރޭގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރަކަށް ވެފައިވާއިރު މިއަހަރުވެސް ވިއްސާރައާއި ބާރު ވައިގެ ސަބަބުން ބައެއް ރަށްރަށަށް ދަނީ އުދާގެ އަސަރުކުރަމުންނެވެ.