18 Dec 2012, 23:23
ގައުމުގެ އިގްތިސޯދީ ތަރައްގީ އެބައެއްގެ މައްޗައް ނުހަނު ބަރޯސާ ވެފައިވާ ބިދޭސީ މަސައްކަތު މީހުންނާ މެދު ރާއްޖޭގައި ކަންކަން ކުރަމުން ދަނީ ވަރަށް އިހާނެތި ގޮތްގޮތަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން އެހެން ބުނެފައި ވަނީ ބައިނަލް އަގްވާމީ ބިދޭސީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
ބައިނަލް އަގްވާމީ ބިދޭސީ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
އެ ކޮމިޝަނުން ބުނީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ދެ ސިނާއަތް ކަމުގައިވާ ގެދޮރު ބިނާކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބިދޭސީންގެ ހިއްސާ ނުހަނު ބޮޑު އިރު އެ މީހުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު އުޖޫރަ ނުދިނުމާއި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށުދަރަޖައިގެ ތަންތަނުގައި އެމީހުން ގެންގުޅެމުންދާ ކަމަށެވެ. އަދި ރަނގަޅަށް ބަނޑުފުރާނަ މުއްތި ކުރާނޭ ގޮތް ފަހިކޮށް ނުދިނުމާއި އަރާމު ކުރާނޭ ވަގުތު ނުދިނުމާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް އަނިޔާވެރިވާ ކަމަށެވެ.
"ބިދޭސީން ލައްވައި މަސައްކަތް ކުރުވާފައި އުޖޫރަ ނުދޭ މައްސަލަ ވެސް ވަރަށް ބޮޑު. ރަނގަޅަށް ކާން ވެސް ނުލިބޭ. އަރާމުކުރާނެ ވަގުތު ނުދީ ވެސް އެބަގެންގުޅޭ. ޖިސްމާނީ ގޮތުން ވެސް އަދި ނަފްސާނީ ގޮތުން ވެސް އަނިޔާ އެބަލިބޭ. އެމީހުންނަކީ އިންސާނުން ކަމުގައި ނުދެކުމުގެ މައްސަލަ އެބައޮތް. މިނޫނަސް އެމީހުންނާ މެދު ވަރަށް ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ،" އެބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އޮޅުވާލައިގެން މަކަރާއި ހީލަތުން ބިރުދައްކައިގެން ނުވަތަ އެނޫން ވެސް ގޮތަކަށް ތިމާމެންގެ އަމިއްލަ ފައިދާ އަށް ހިންގާ ހިއުމަން ޓްރެފިކިންގެ އަމަލުތަކަކީ ދިވެހި ރާއްޖޭގައި ވެސް މިލިއަނުން އަގުކުރެވޭ ވިޔަފާރިއެއްކަމީ އެކޮމިޝަނުން ނުހަނު ހިތާމަކުރާ ކަމެއް ކަމށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިން ބޭނުންކޮށްގެން ހިންގާ ހަށިވިއްކުން ފަދަ ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތަކަކީ ދިވެހިންގެ ރިވެތި ސަގާފަތާއި އާދަކާދައާއި މާތްވެގެންވާ އިސްލާމް ދީނުގެ އަސްލުތަކާ ވެސް މުޅިން ޚިލާފު ކަމެއް ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އިންސާނީ ހައްގުތަކަކީ ވަކި ގައުމަކަށް ވަކި ނަސްލަކަށް ވަކި ކުލައަކަށް އަދި ވަކި ސަގާފަތަކަށް ވީތީ ތަފާތު ކުރެވޭނެ ކަންކަމަށް ނުވާހިންދު އެފަދަ އިންސާނިއްޔަތާއި ޚިލާފު ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެމީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.