18 Dec 2012, 23:11
ޑރ. އަފުރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފ. ބިލެއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާވީދު (ޖާ) ދޫކޮށްލުމަށް އެޕާޓީން ގޮވާލައިފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖާ އަކީ އެފަދަ ކަމެއް ކޮށްފާނެ މީހެއް ނޫންކަން އެޕާޓީ އަށް ޔަގީންވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޑރ. އަފުރާޝީމް އަވަރާހަރަކޮށްލި ކަމުގެ ދޮގު ތުހުމަތު އެޕާޓީގެ ބޮލުގައި އެޅުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކަމަށް ދެކޭ ކަމަށެވެ. ކުރިން ވެސް އެ ޕާޓީ އަށް ނިސްބަތްވާ އަންހެން ކުއްޖަކު (ނާއިފާ) އާއި އެޕާޓީ އަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ އަލީ ހާޝިމް ވެސް ހައްޔަރުކޮށްގެން އެތައް ދުވަހެއް ވަންދެން ގެންގުޅުނީ އެ އުސޫލުން ކަމަށް ދެކޭ ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
"... އެހެން ކަމުން އަބުދުﷲ ޖާވީދުގެ މައްޗަށް އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައި ނެތުމާ އެކު އޭނާ ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ޑރ. އަފުރާޝީމް އަވަހާރަކޮށްލީ ސީޔާސީ ބަޔަކު އަޑީގައި ތިއްބަވައިގެން ކަމަށް ކަމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ނޫސް ކޮންފަރެންސްގައި ވިދާޅުވީ އެއްވެސް ހެއްކެއް ދަލީލެއްގެ މައްޗަށް ބިނާކުރައްވައިގެންނެއް ނޫނެވެ.
".. ޕޮލިސް ކަމިޝަނަރުކަމުގެ މަގާމުގައި ހުރި އަބުދުﷲ ރިޔާޒު އެއްވެސް ހެއްކެއް، ދަލީލެއްގެ މައްޗަށް ބަރޯސާ ވުމެއް ނެތި އޭނާގެ އަމިއްލައަށް ދެކިވަޑައިގަންނަވާ ގޮތެއްގެ މައްޗަށް ނިންމަވައި، ނިއުސް ކޮންފަރެންސްގައި ވިދާޅުވެފައި ވަނީ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ އެމްޑީޕީން ތަކުރާރުކޮށް ކުށްވެރިކޮށްފައިވާ ކަން އެ ޕާޓީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ދަށު ކޯޓުން ޖާވިދު ބަންދުކުރުމަށް ކުރި އަމުރު ޖާވިދު އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އަމުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާ އަށް ރިއާޔަތް ކުރާއިރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރެވޭ ވަރުގެ ހެކި ހުރުމުން ކަމަށެވެ.