18 Dec 2012, 21:48
ހެންވޭރު ދަނޑުގައި ވެހެމުން ދިޔަ ވާރޭގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިފްގައި ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބައްދަލު ކުރި މެޗު އެކެއް ސުމަކުން ސަން ޓީމު ބަލިކޮށް އެމްއެންޑީއެފްގެ ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި އެމްބީސީ ކޮޅަށް ހަތް ލަނޑު ޖަހައި އެހެން ޓީމުތަކަށް ސިހުންގެނުވި ސަން ޓީމު ވަނީ މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ނަމަވެސް ފިޒިކަލީ ވަރުގަ އެމްއެންޑީއެފްގެ ކޮޅަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. އަދި އެމްއެންޑީއެފުން ވެސް ރީތި ކުޅުމެއް ދައްކައި އިދިކޮޅު ޓީމުގެ ގޯލަށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.
ވެހެމުން ދިޔަ ބޯ ކެރީގެ ތެރޭގައި ކުޅުނު މެޗުގެ ހަމަ އެކަނި ލަނޑު އެމްއެންޑީއެފް ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެ ވަނަ ހާފުގެ ހަ ވަނަ މިނިޓުގައި އެމްއެންޑީއެފްގެ ހުނަރުވެރި ކުޅުންތެރިޔާ އެ ޓީމުގެ ޖާޒީ ނަންބަރު ހަތެއް ފަދުވާ ޒާހިރު އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ފަދުވާ އެވެ.
މެޗުގެ ދެވަނަ ހާފުގައި ރަނގަޅަށް ކުޅެމުން ގެންދިޔައީ އެމްއެންޑީއެފްގެ ޓީމެވެ. އެހެން ނަމަވެސް ތެމި ފޯވެގެން ތިބެހިތްވަރާ އެކު ކުޅެމުން ދިޔަ ސަން ޓީމުގެ ގޯލަށް އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީ އެކެއް ސުމަކުން އެމްއެންޑީއެފް މެޗު ކާމިޔާބު ކޮށްގެންނެވެ.
މެޗަށް ފަހު ސަން އޮންލައިން އަށް ދިން އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ކޯޗު އަހްމަދު މުޖުތަބާ (މުޖޭ) ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އަދި އިދިކޮޅު ޓީމުން ކުރި ހިތްވަރަށް ސާބަސް ހައްގު ކަމަށެވެ.
"މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު އަދި ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އިދިކޮޅު ޓީމުން އެދެއްކި މޮޅު ކުޅުމަށް ވެސް ސާބަސް ރައްދު ކުރަން. އެކަމަކު އަޅުގަޑުމެން ޓީމު ކުޅެން ނިކުތީކީ ހަމަ އެކަނި މޮޅުވާކަށް ނޫން. ރީތި ކުޅުމެއްވެސް ދައްކަން. މިއަދު ބޯކޮށް ވާރޭވެހި ދަނޑު އޮތް ހާލަތުން އެމްއެންޑީއެފުން ދައްކަން ބޭނުންވި ރީތި ކުޅުމެއް ނުދެއްކުނު،" މުޖޭ ބުންޏެވެ. "އަޅުގަނޑުމެން މިއަދުގެ މެޗަށް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޅި މުބާރާތުގައި ވެސް ބައިވެރިވެފައިވާ އެންމެ މޮޅު އަދި ވަރުގަދަ ޓީމަކީ ސަން ޓީމު. އެހެންވެ އެ ޓީމާ މެދު ވަރަށް ފަރުވާތެރިވެ ތިބެގެން މެޗަށް ނިކުތީ،" އެމްއެންޑީއެފްގެ ކޯޗު އިތުރަށް ކިޔައި ދިނެވެ.
ސަން ޓީމުގެ ކޯޗު އިސްމާއީލް އަނިލް ބުނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ވިއްސާރައިގާ ކުޅެންޖެހުމުގެ ސަބަބުން އުންމީދު ކުރި ފަދަ ރަނގަޅު ގޭމެއް ނުކުޅެވުނީ ކަމަށެވެ.
"ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އެކަމަކު އަޅުގަނޑުމެން ވިއްސާރައިގައި ކުޅެން އެއްވެސް ވަރަކަށް ތައްޔާރު ވެވިފައެއް ނެތް. މީގެ އިތުރުން އަޅުގަނޑުމެން ދެ ދުވަސް ކުރިން ވަރުގަދަ މެޗެއް ކުޅެފައި ރަނގަޅަށް ރެސްޓް ނުލިބި ދެ ވަނަ މެޗެއް ކުޅެންޖެހުމުން ކުޅުންތެރިންނަށް ވަރުބަލި ކަމުގެ މައްސަލަ ވެސް ދިމާވި." ސަންގެ ކޯޗު ބުންޏެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ލާމު ސްޓާ އާއި އެމްބީސީ ޓީމެވެ. ހެންވޭރު ދަނޑުގައި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގަ އެވެ.