ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑަށް އާމްދަނީގެ ގޮތުގައި ލިބުނު ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކުރަން ދިޔަ މުވައްޒަފަކަށް ކަނޑި އާއި ކަތިވަޅިއަކުން ބިރުދެއްކުމަށް ފަހު ފައިސާތައް ފޭރިގެންފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ އެ ފައިސާތައް ފޭރިގެންފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކު މިއަދު މެންދުރު 2:00 އެހާކަންހާ އިރު ލ. ގަމު މާހިން އަވަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗާ ދިމާލަށް ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަނޑި އާއި ކަތިވަޅިން ބިރުދެއްކުމަށް ފަހު ކަމަށެވެ. އަދި އެ މުވައްޒަފުގެ އަތުން ފޭރިގެންފައި ވަނީ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު 293،000ރ. އާއި 13،000 ރުފިޔާގެ ޗެކެއް ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

"މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަނޑި އާއި ކަތިވަޅިތަކަކުން ބިރުދެއްކުމަށް ފަހު ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑުގެ މުވައްޒަފުގެ އަތުން 293،000ރ. އާއި 13،000 ރުފިޔާގެ ޗެކެއް ފޭރިގެންފައި ވަނީ. އެއީ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ދެ މީހަކުވެގެން ކަނޑިން ބިރުދައްކައި ފައިސާތައް ފޭރިގަނެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.