މެޗުގެ ނަތީޖާ ވަކިގޮތަކަށް ބަދަލުކުރިކަމުގެ ކުށުގައި ނަޕޯލީ އަތުން ދެ ޕޮއިންޓު އުނިކޮށް 70،000 ޔޫރޯ އިން ޖޫރިމަނާ ކުރުމަށް އިޓަލީގެ ފުޓްބޯލް ފެޑެރޭޝަން (އެފްއައިޖީސީ) އިން ނިންމައިފި އެވެ.

އިޓަލީގެ ސޭރިއޭ އޭ ލީގު ޓައިޓަލް އަށް ވާދަކުރާ ނަޕޯލީއަށް މި ސީޒަންގައި 17 މެޗުކުޅެގެން މިހާތަނަށް ލިބިފައިވާ 33 ޕޮއިންޓުގެ ތެރެއިން ދެ ޕޮއިންޓް އުނިކުރުމުން އެޓީމު ވަނީ ލީގުގެ ތިން ވަނަ މަގާމުން ފަސް ވަނަ އަށް ވެއްޓިފަ އެވެ.

އެ ނިންމުމާ އެކު ލީގުގެ އެންމެ ކުރީގައި އޮތް ޗެމްޕިއަން ޔުވެންޓާޒް އަށް ވުރެ 10 ޕޮއިންޓް ފަހަތަށް ނަޕޯލީ ވެޓުނީ އެވެ.

އެފްއައިޖީސީގެ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ މެޗު-ފިކްސް ކުރުމުގެ ކުށުގައި "ނަޕޯލީ އަތުން ދެ ޕޮއިންޓް އުނިކުރުމަށާއި 70،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

"ތިން އަހަރާ ތިން މަސް ދުވަހަށް މަޓިއޯ ގިއަނެލޯ ބަންދު ކުރުމަށާއި ޕައޮލޯ ކަނަވާރޯ އާއި ޖިއަންލޫކާ ގްރާވާ ހަ މަސް ދުވަހަށް ބަންދު ކުރުމަށް ނިންމާފައި ވާ ކަމަށް،" އެ ސްޓޭޓްމަންޓުގައިވެ އެވެ.

އިޓަލީގެ ކުރީގެ ގޯލްކީޕަރު މަޓިއޯ ގިއަނެލޯ 39 މަސްދުވަހަށް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބަވެރި ނުވެވޭ ގޮތަށް ނިންމީ، 2010 ވަނަ އަހަރު ނަޕޯލީ އާއި ސަމްޕޯޑިއާ ކުޅުނު މެޗުގެ ނަތީޖާ ވަކިގޮތަކަށް ނެރުމުގައި އޭނާ ބައިވެރި ވެފައިވާ ކަމަށް އެއްބަސް ވެފައި ވާތީ އެވެ.

އަދި ކަނަވާރޯ އާއި ގްރާވާ އަށް އަދަބު ދެވުނީ ގިއަނެލޯގެ މި އަމަލު އެނގި ހުރެ އެ ދެކުޅުންތެރިން އެކަން އެފްއައިޖީސީ އަށް ރިޕޯޓް ކޮށްދައި ނުވާތީ އެވެ. ނަޕޯލީ އަށް އަދަބު ދެވުނީ މި ކުޅުންތެރިން އޭރު ކުޅުނީ އެޓީމަށް ކަމުގައި ވާތީ އެވެ.

ކަނަވާރޯ އާއި ގްރާވާ މި ދެކުޅުންތެރިން އެއެއްވެސް ނުރަނގަޅު ކަމެއްގައި ބައިވެރިވެފައި ނުވާ ކަމުގައި ވިޔަސް މަޓިއޯ ގިއަނެލޯގެ އަމަލު ސިއްރު ކުރުމުން އެ ދެކުޅުންތެރިންނަށް ވަނީ ސީޒަންގެ ބާކީ ހުރި މެޗުތަކަށް އަލްވަދާއު ކިޔަން ޖެހިފަ އެވެ.