18 Dec 2012, 16:32
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 14.5 ބިލިއަން ރުފިޔާއަށް ކުޑަކޮށް ސަރުކާރުން އަލަށް ނަގާ ލޯނުތައް ދެ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ނުދާގޮތަށް ހުއްދަދޭން ބަޖެޓް ކޮމެޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީގެ މިއަދު ޖަލްސާގައި އެގޮތަށް ފާސްކުރީ އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުންގެ ތާއީދާއި އެކު އެވެ. ޑީއާރުޕީގެ މެންބަރުން ވަކާލާތުކުރެއްވީ ބަޖެޓް ހުށަހެޅި ވަރަށް ވުރެ ކުޑަނުކުރުމަށެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) މިއަދު "ސަން"އަށް ވިދާޅުވީ އަލަށް ނަގާ ލޯނުތައް ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަވެގެން ނުވާނެ ކަމަށް ކޮމެޓީން ނިންމާ ބަޖެޓުވެސް 14.5 ބިލިއަން ރުފިޔާއަށް ކޮމެޓީން ފެއްތީ ރާއްޖޭގެ އިގްތިސޯދަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވެން އަންނަނީ އެގޮތަށް ކަމަށް ކޮމެޓީގެ ގިނަ މެންބަރުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މީގެ ކުރިން ކޮމެޓީން ނިންމާފައިވާ ގޮތުން އަލަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ހަތް ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނޭ ކަމަށް ޝަރުތުކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަވަރުނަރުވެސް މިއަދު ލަފާދެއްވި ގޮތަށް ގައުމުގެ ދަރަނިކުޑަކޮށް ގައުމަށް އެންމެ ފައިދާ ހުރިގޮތަށް އިގްތިސޯދުގެ ކަންކަން ހަމައަކަށް އެޅުވުމަށް ބަޖެޓް ކުޑަކުރަން ޖެހޭކަމަށް ކޮމެޓީގެ މެންބަރުންނަށް މިއަދު އެއްބަސްވެ ވަޑައިގެންނެވުނު. އެހެންވެ އެގޮތަށް އަޅުގަނޑުމެން މި ނިންމީ،" ނަޝީދު ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީގައި ގަވަރުނަރު ފަޒީލް ނަޖީބު މިއަދު ވިދާޅުވީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށާއި 15.4 ބިލިއަން ރުފިޔާއަށް ބަޖެޓަކަށް ބަޖެޓް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި އައިއެމްްއެފްއިންވެސް ލަފާދީފައިވަނީ އެގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓުން ހަރަދުތައް އުނިކުރަން ކޮމެޓީގެ އަގުލަބިއްޔަތުން މިއަދު ނިންމީ ސިވިލް ސަވިސް އަދި މިނިވަން މުއައްސަސާތަކުގެ މުއައްޒަފުންނަށް ހިނގާ ޚަރަދުގެ ތެރެއިން މުވައްޒަފުންނަށް ދޭ އިތުރު ގަޑީގެ އެލަވަންސް ފިޔަވައި ބަޖެޓްގައި ކަނޑައަޅުއްވާފައިވާ އަދަދުން އުނިނުކުރުމަށާއި އަދި އަންނަ އަހަރުގައި ހިންގަން ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު އުނިނުކުރުމަށެވެ.
އިޞްލާޙްތަކާ ގުޅިގެން ބަޖެޓަށް އަންނާނެ ބަދަލުތަކާގުޅޭ ބަޖެޓް ކޮންސަލްޓެންސީ ޕޭޕަރެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައި ބަޖެޓް ކޮމިޓީއަށް ފޮނުއްވުމަށް މިނިސްޓްރީގައި ދެންނެވުމަށްވެސް ކޮމެޓީން ފާސްކުރި އެވެ. އަދި ފާސްކޮށްފައިވަނީ ބަޖެޓްގެ ހަރަދުތަކުގެ ތެރެއިން 1067 މިލިޔަން ރުފިޔާ އުނިކުރާނެގޮތެއްގެ ޕްރޮޕޯސަލެއް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވުމަށެވެ.
ބަޖެޓް ކޮމެޓީން އެގޮތަށް ނިންމި ނަމަވެސް އެ ނިންމުންތައް ފާސްކުރާނީ މަޖިލީހުގެ ތަޅުމުގައި ވޯޓުލައިގެންނެވެ.