ޑީއާރުޕީން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ތ. އަތޮޅަށް ނިސްބަތްވާ ހަތަރު ކައުންސިލަރަކު މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

މި އަދު ޑީއާރުޕީން ވަކިވެވަޑައިގެންފައިވާ ކައުންސިލަރުންނަކީ ތ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން އަހްމަދާއި އެއަތޮޅު މަޑިފުށީ ކައުންސިލްގެ ރައީސް މުހައްމަދު ޝާފިއު އާއި އެކައުންސިލްގެ ނައިބު ރައީސް ހުސެއިން ރިޒާގެ އިތުރުން އެ ކައުންސިލްގެ މެމްބަރު މުހައްމަދު މުޖުތަބާ އެވެ.

ޑީއާރުޕީން ވަކިވުމަށް އެދި ތ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީން ވަކިވާން ނިންމީ އޭނާ އެ ގޮނޑި އަށް ހޮވަން ވޯޓުދިން ސަޕޯޓަރުން ވެސް ޕާޓީން ވަކިވާން އެދެމުން ދާތީ ކަމަށާއި ޑީއާރުޕީގެ ނިންމުންތަކާއި އަމަލުތައް ހުންނަނީ ގައުމުގެ މަސްލަހަތައް އިސްކަން ދިނުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް އިސްކަން ދީގެން ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރާ އެއްގޮތަށް ޑީއާރުޕީގެ ގިނަ ކަންތައްތަކެއް ދީލާލަމުންދާތީ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"އަޅުގަނޑު ޑީއާރުޕީން ވަކިވާން މި ނިންމީ އަޅުގަނޑަށް ވޯޓުދިން އަޅުގަނޑުގެ ސަޕޯޓަރުން އެކަމަށް އެދެމުން ދާތީ. މިހާރު ޑީއާރުޕީގެ ނިންމުންތަކާއި އަމަލުތައް ހުންނަނީ ގައުމުގެ މަސްލަހަތަށް ވުރެ ބޮޑަށް އަމިއްލަ މަސްލަހަތަށް އިސްކަން ދީގެން. އެމްޑީޕީގެ ފިކުރަށް ތިޔަ ޕާޓީގެ ގިނަ ކަންތައްތަކެއް މިހާރު ދަނީ ދީލާލަމުން،" އެ ސިޓީގައިވެ އެވެ.

ޑީއާރުޕީން ވަކިވުމަށް އެދި ތ. އަތޮޅު މަޑިފުށި ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން އެ ކައުންސިލްގެ މެމްބަރު ޕާޓީން ވަކިވުމަށް އެދި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ އިސް ވެރިން ފަހަކަށް އައިސް ރައްޔިތުންގެ ވިންދާ ދެކޮޅަށް ކަންތައްތަކެއް ނިންމަމުން ދިއުމުގެ ސަބަބުން މަޑިފުށީގައި ތިބި ޑީއާރުޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެ އެހެން ޕާޓީތަކާ ގުޅިފައި ކަމަށެވެ. އެހެން ކަމުން އެ ރަށުގައި ޑީއާރުޕީ އިތުރަށް ކުރިއަރާ ދިއުމަކީ ވަރަށް ދުރު ކަމެއް ކަމަށް ފެންނާތީ ޕާޓީގައި އިތުރަށް ދެމިހުންނަން ބޭނުން ނުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗައް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސިއްރު އެއްޗެއްގެ ގޮތުގައި ހަދަން ޑީއާރުޕީން ތާއީދުކޮށް ވޯޓު ދިނުމުން ޑީއާރުޕީ އަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ނަމަވެސް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނީ ކައުންސިލްތައް އުފެދުނު އިރު ޑީއާރުޕީގެ ނަމުގައި ކައުންސިލްތަކަށް އިންތިހާބުވި ބައެއް ބޭފުޅުންނަކީ އެ ޕާޓީގެ ފިކުރުގައި ތިބި ބައެއް ނޫން ކަމަށެވެ.