18 Dec 2012, 15:43
މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަދުވަހުގެ ރޭ އެކުވެރިންނާއި އެކު އިސްކަންދަރު ކޮށީގައި އިންދާ ކުއްލި ގޮތަކަށް ނިޔާވި ސާޖެންޓްހުސެއިން ޝަރީފް ނިޔާވި ސަބަބު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމީ ބަޔަކު ސިޔާސީ މަގުސަދެއް ހާސިލް ކުރަން ބޭނުން ވެގެން ކަމަށް އޭނާގެ ވާރިސުން މިއަދު ބުނެފި އެވެ.
ޕޮލިސް ސާޖެންޓް ހުސެއިން ޝަރީފް 36، މަރުވި ސަބަބު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް އިއްޔެ ހުށަހެޅީ އެމްޑީޕީގެ މެމްބަރުން ތަކެކެވެ. ހުސެއިންގެ މަރުގެ ތަހްގީގު ރިޕޯޓާއި، މަރާއި ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ކޮމެޓީ އަށް ފޮނުވަން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް އެންގުމަށްވެސް އިއްޔެގެ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަރުހޫމް ހުސެއިން ޝަރީފްގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެ މުހައްމަދު ޝަރީފް ސަން އަށް މިއަދު ބުނީ އެ މައްސަ މަޖިލީހުން ބަލަން ނިންމާފައިވަނީ އަފްރާޝީމް މަރާލަން ފައިސާ ޚަރަދުކުރި ކަމުގެ ތުހުމަތުގައި ރީކޯ މޫސަގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) ހައްޔަރު ކޮށްފައިވާތީ އެމައްސަލަ ފޫބެއްދުމަށް ކަމަށް އާއިލާ އިން ދެކޭ ކަމަށެވެ. އޭނާ ބުނީ އެ މައްސަލަ ބަލަން ޖެހޭ އިތުރު އެހެން އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އެ މައްސަލަ ބަލަނީ އާއިލާއިން ބޭނުން ވެގެންވެސް ނޫން ކަމަށެވެ. ޝަރީފް ބުނީ ކޮއްކޮގެ މަރަކީ ގުދުރަތީ މަރެއް ކަމަށް މުޅި އާއިލާއިން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެމައްސަލަ އަލުން ނަގައިގެން އެވާހަކަ ދައްކާ އެމައްސަ ބަލާ ހެދުމަކީ އާއިލާގެ އެއްވެސް މީހަކު ބޭނުންވާ ގޮތެއް ނޫންކަމަށްވެސް ޝަރީފް ބުންޏެވެ.
"ކޮއްކޮގެ މަރަކީ ހަމަ ތޮބީއީ މަރެއް. އަޅުގަނޑުމެންވެސް އެކަން ދިރާސާކޮށް ބަލައިފިން. ކޮށްކޮ އަކީ ކުރިންވެސް ކޮލެސްޓްރޯން ވަރަށް މައްޗައް ހުންނަ މީހެއް. މަރުވި ވަގުތުވެސް ކޮއްކޮ އިނީ އެކުވެރިންގެ ގާތުގައި އިސްކަންދަރު ކޮށީގައި މަޖާކޮށް ވާހަކަ ދައްކަން. އެހެން އިންދާ ކުއްލިއަކަށް މެޔައް ތަދެއް އެރީ. އޭރު ކަންދިމާވި ގޮތުން ވެހިކަލްވެސް އެތެރެއަށް ވަދެގެން އަންނަނީ. ހަމަ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު އޮތީ ނިޔާވެފައި. ދެން ކޯއްޗެއްތޯ ފަހުން ބަލަން އޮންނާނި. ހަމަ ސިޔާސީ ނޫން އެހެން އެއްވެސް ކަމެއް ނޫން. މިހާރު އަފްރާޝީމް މައްސަލައިގައި ހައްޔަރު ކޮށްގެން އެ އުޅޭ ޖާވިދުގެ މައްސަލަ ފޫބެއްދުން ނޫން އެހެން އެއްވެސް ކަމެއް މިއަކު ނެތް،" ޝަރީފް ބުންޏެވެ.
އޭނާ ބުނީ ބަޔަކު ސިޔާސީ ބޭނުމެއް ހާސިލްކުރަން އެވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ގޮސް އެވަރުން ނުވެގެން މަޖިލީހުގެ ތެރެއަށް އާއިލާގެ ނުގަބޫލުގައި މައްސަލަ ވައްދައިގެން ބޭކާރު މަސައްކަތެއް ކުރަމުން ގެންދާ މައްސަލަ ވަރަށް ބޮޑަށް އާއިލާއިން ކުއްވެރި ކުރާ ކަމަށެވެ. އަދި އެ ބޭކާރު މަސައްކަތް ވަގުތުން ހުއްޓާލާ މަޖިލީހުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އެނބުރި ދިއުމަށްވެސް އާއިލާ އިން ގޮވާލާ ކަމަށް އޭނާ ބުންޏެވެ. ޝަރީފް ބުނީ ކޮއްކޮގެ މަރާއި ގުޅިގެން ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކުގެ ތެދުކަން އާއިލާއަށް ކަށަވަރުވާއިރު މަޖިލީހުން އެ މައްސަލަ ތަހުގީގު ކުރުމުން ހުސެއިންގެ މަންމަ އަށް އެކަމުގެ ހިތާމަ އާއި ހިތްދަތިކަން ލިބި އާއިލާ އަށްވެސް ނަފްސާނީ އަސަރުތައް ކުރަމުންދާ ކަމަށެވެ.
"އާއިލާއިން އޭނާގެ މަރުވި މައްސަ މައްސަލަ އަކަށް ނަހަދަން. އަޅުގަނޑުމެން އެވަގުތު އޭނާނެ ގާތުގައި ތިބި މީހުންނާވެސް ވާހަކަ ދެއްކިން. ކޮށްކޮ މަރުވުމުގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން އަންހެނުން ނަށްވެސް ގުޅާފައި ބުނި އޮންލައިން ވެ ބަލާށޭ. ހަމަ ވަރަށް ސާފު ކަމެއް އެއީ. އަސްލު މަންމަ އަށް އެންމެ ބޮޑަށް ހިތާމަ ލިބެން ފެށީ އަލްހާން ފަހުމީ ދައްކަންފެށި ވާހަކަ އަކުން. އޭނާ މީޑިއާގައި މި ކިޔަނީ އަފްރާޝީމް ނިޔާވިތާ ދެތިން ދުވަސް ތެރޭގައި ފުލުހުންގެ ކެމެރާ ރޫމްގައި މަސައްކަތްކުރާ ފުލުހަކު ވީނުވީ އެއް ނޭނގި މަރުވެއްޖޭ. އޭނާ ނުބުނޭ ކޮއްކޮގެ ނަމެއް. އެކަމަކު އެންމެންނަށްވެސް އެނގޭ އެ ބުނީ ކޮއްކޮގެ ވާހަކަކަން. ފުރަތަމަ ކޮއްކޮ އަކީ ކެމެރާ ރޫމާއި ބެހޭ މީހެއްވެސް ނޫން. ދެން ކީކޭ ބުނާނީ ދޯ. ހަމަ ހުސްދޮގު ވާހަކަ އެ ދައްކަނީ،" ޝަރީފް ބުންޏެވެ.
ޝަރީފްގެ މަރުގެ މައްސަލައިގައި ފުލުހުންވެސް ބުނެފައިވަނީ އޭނާ މަރުވީ އިސްކަންދަރުކޮށީގައި ރައްޓެހިންނާއި އެކު ވާހަކަ ދައްކަން އިންދާ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.