މި އަހަރުގެ ސެޕްޓެންބަރު މަހު ހުޅުވާލި ލޯން ސްކީމްގެ ދަށުން 118 މިލިން ރުފިޔާގެ ލޯން ސުކީމެއް ކަނޑައަޅައި 526 ކުއްޖަކަށް މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށްދީފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ 1000 ކުދިންނަށް މަތީ ތައުލީމްގެ ފުރުސަތު ހުޅުވާލައި ޕްރޮގުރާމްގެ ދަށުން ތިން ސްކީމެއް ތަޢާރަފް ކުރި ކަމަށެވެ. އެއީ ޓާޝަރީ ލޯން ސުކީމާއި އެކްސަސް ގްރާންޓް ސްކީމާއި އަދި ވޯކް ފޯސް ސުކީމް ކަމަށެވެ.

"ޓާޝަރީ ލޯން ސްކީމަކީ ލޯން އެހީގެ ގޮތުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި 900 ފުރުސަތު. އެކްސަސް ގްރާންޓް ސުކީމަކީ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ތިން ފުރުސަތު ލިބޭ ގޮތަށް ހިލޭ އެހީގެ ގޮތުގައި ހުޅުވާލި 60 ފުރުސަތު. އަދި ވޯކް ފޯސް ސުކީމަކީ މަތީ ތައުލީމަށް ކުރަން ޖެހޭ ހަރަދުގެ ދެބައިކުޅަ އެއްބައި ލޯންގެ ގޮތުގައި ދޭގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅަކަށް ދެ ފުރުސަތު ލިބޭ ގޮތަށް ހުޅުވާލި 40 ފުރުސަތު." ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެ ސުކީމްތަކަށް ކުރިމަތު ލުމުގެ ފުރުސަތު ހުޅުވާލަމުން މުޅި ޖުމްލަ ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމް ހާސިލު ކުރުމަށް ޓަކައި ކުރިމަތި ލާފައި ވަނީ 526 ކުދިން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތަށް ކުރިމަތިލި ކުދިންގެ އަދަދު ހަމަ ނުވާ ކަމަށާއި ގިނަ ކުދިން ކުރިމަތިލާފައި ވަނީ ރާއްޖެ އިން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ކަމަށެވެެ.

ތައުލީމާއި ތަމްރީން ދިނުމަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުތަކަށް ކަނޑައެޅި ފައިސާ އިން ބާކީވި ބައި މަތީ ތައުލީމަށް ރާއްޖެ އިން ބޭރަށް ދާން ބޭނުންވާ ކުދިންނަށް ދިނުމަށް މިނިސްޓްރީން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތު ލިބުނު 526 ކުދިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ފައުންޑޭޝަން ޑިގްރީ އަށް ކިޔެވުމަށް ފުރުސަތު ދެވުނު ފަސް ދަރިވަރުންނާއި ޑިޕްލޮމާ ފެންވަރަށް ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުމަަށް ފުރުސަތު ދިން 31 ކުދިން ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް 251 ކުދިންނަށް ފުރުސަތު ދެވިފައިވާ ކަމަށެވެ. އަދި މެޑިކޭޝަންގެ ދާއިރާ އިން ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު 87 ކުދިންނަށް ދިން އިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން މާސްޓާސްޒް ފެންވަރަށް މަތީ ތައުލީމު ހާސިލް ކުރުމަށް ޓަކައި 102 ކުދިންނަށް ފުރުސަތު ދެވިފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ތަނަވަސްކަން ނެތް ކުދިންނަށް ސްކޮލާޝިޕްގެ ގޮތުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފުރަތަމަ ޑިގްރީގެ ފެންވަރަށް މަތީ ތައުލީމް ހާސިލް ކުރުމަށް ޓަކައި 50 ކުދިންނަށް ފުރުސަތު ދީފައިވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރުމަށް ޓަކައި 142 ކުދިންނަށް ފުރުސަތު ދީފައިވާ އިރު، ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމަށް ޓަކައި 384 ކުދިންނަށް ވަނީ ފުރުސަތު ދީފަ އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެ ސުކީމްތަކުގެ ދަށުން މަތީ ތައުލީމް ހާސިލް ކުރާ ކުދިންނާއި ބޭންކް އޮފް މޯލްޑިވްސް އާއި އަދި މިނިސްޓްރީ އާ ދެމެދު އެއްބަސްވުމެއް ހެދިގެންދާނެ ކަމަށާއި އަދި ލޯން ދެއްކުމަށް ޓަކައި 10 އަހަރުގެ މުއްދަތެއް ކުދިންނަށް ދެއްވާނެ ކަމަށެވެ.