އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ތާވަލުގެ އެންމެ ފުލުގައި އޮތް ރެޑިންގް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ފަސް ލަނޑު ދެލަނޑުން ކާމިޔާބު ކޮށް އާސެނަލް ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފި އެވެ. މި މެޗުގައި އާސެނަލްގެ ސްޕެނިޝް މިޑްފީލްޑާ ސަންޓި ކަޒޯލް، 28، ވަނީ ހެޓްރިކެއް ހަދާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދިނީ 14 ވަނަ މިނިޓުގައި ޕޮޑޮލްސްކީ އެވެ. އަދި 32 ވަނަ މިނިޓުގައި އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިން ކަޒޯލާ ވަނީ އޭގެ ދެ މިނިޓު ފަހުން އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ތިނެއް ސުމަކަށް ބަދަލު ކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފުފެށިގެން ފަނަރަވަނަ މިނިޓު ތެރޭގައި ކަޒޯލާ ވަނީ ތިންލަޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދައި މެޗުގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްފަ އެވެ.

އެހެންނަމަވެސް އަމިއްލަ ދަނޑުގައި ގިނައަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ރެޑިންގް އިން ހިތްވަރާ އެކު ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނިޓުގައި އެޓީމުގެ ލީ ފޮންޑްރޭ ވަނީ ލަޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލުކޮށްފަ އެވެ.

ފަސްމިނިޓު ފަހުން ރެޑިންގެ ކެބޭ ޖެހި ލަނޑާ އެކު ހަތަރެއް ދޭކަށް މެޗުގެ ނަތީޖާ ބަދަލުވެ އާސެނަލް އަށް ހާސްކަން އިތުރު ވެގެން ދިޔަ ނަމަވެސް މެޗުގެ 80 ވަނަ މިނިޓިގައި އާސެނަލްގެ ސެންޓާ ފޯވަޑް ތިއޯ ވޮލްކަޓް ކާމިޔާބު ކޮށްދިން ލަނޑަށް ފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު ވެސް އިތުރު ލަނޑެއް ނުފެނި މެޗު ނިމުނީ ފަހެއް ދޭކުން ރެޑިން ބަލިކޮށް އާސެނަލް މެޗު ކާމިޔާބު ކޮށްގެންނެވެ.

އާސެނަލްގެ ފޭނުންނާއި އަދި އެތައް ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވާ އެޓީމުގެ ކޯޗު އާސީން ވެންގާ މެޗަށް ފަހު ބުނީ "މެޗުގައި އަހަރެމެން ކުޅެމުން އައީ ވަރަށް ބޮޑަށް ހާސްވެ ތިބެ. އަދި ނަތީޖާ 0-4 ގައި އޮތްއިރު އެ ނަތީޖާގައި ނިންމާލެވޭނެ ބާއޭ ހިތަށް އެރި. މެޗުގެ ނަތީޖާ 2-4 އަށް ބަދަލުވީ ހިސާބުން ހުސްވި ހަފުތާގެ ތަޖުރިބާއަށް ބަލާފައި މެޗުގެ ނަތީޖާ 2-5 އަށް ވީއިރު ވެސް ހުރީ ވަރަށް ނުތަނަވަސްވެފައި" ކަމަށެވެ.

މީގެ އިތުރުން ވެންގާ ބުނީ އޭނާ ބޭނުން ވަނީ މިހާރު ތިބި އިނގިރޭސި ޒުވާން ކުޅުންތެން ތައް ގޮވައިގެން ރަނގަޅު ޓީމެއް ބިނާކޮށް އެންމެން އެކީ ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރަން ކަމަށެވެ. އަދި މިއަހަރު ކޮންޓްރެކްޓް ހަމަވާ އެ ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ތިއޯ ވޮލްކަޓްވެސް ޓީމާ އެކު ކޮންޓްރެކްޓް އާކުރާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ރެޑިންގެ ކޯޗު ބުރެއިން މެކްޑާމޮޓް ބުނީ "ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ހިއްވަރާ މެދު އެނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އަދި ބޭނުން ވަނީ ކުރިއަށް އޮތްތާނގައި އިތުރަށް ޓީމު ރަނގަޅުކޮށް ކުރިއަށް ދާން" ކަމަށެވެ. "އަހަރެމެންނަށް އިތުރަށް މަސަކަތް ކުރުން ނޫން ގޮތެއް ނެތް" ރެޑިންގް ގެ ކޯޗު ބުންޏެވެ.