މަސައްކަތް ކުރުމަށްޓަކައި އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގޮތުން އދ. އިން ފާސްކޮށްފައިވާ މުއާހަދާ "މައިގްރަންޓް ވޯކާސް ކޮންވެންޝަން" ތަސްދީގުކޮށް، އެ މުއާހަދާ އަށް އަމަލުކުރުމާ ބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބާއްވައިފި އެވެ.

މައިގްރަންޓް ފޯރަމް އޭޝިއާއާއި ސޮލިޑިޓަރީ ސެންޓަރާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގުޅިގެން އިއްޔެ އާއި މިއަދު ބޭއްވި ފޯރަމްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ މަސައްކަތް ތެރީންގެ ޔޫނިއަންތަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެޗްއާރުސީއެމް ބައިވެރިވި އެވެ.

"މަލްޓި ސްޓޭކް ހޯލްޑާސް ޑިސްކަޝަން އޮން ރެޓިފައިން ދަ މައިގްރަންޓް ވޯކާސް ކޮންވެންޝަން އިން ސައުތު އޭޝިއާ"ގެ ނަމުގައި ޓްރޭޑާސް ހޮޓަލުގައި އިއްޔެ އާއި މިއަދު ބޭއްވި އެ ކޮންފަރެންސްގެ ބޭނުމަކީ މައިގްރަންޓް ވޯކާސްއާ ބެހޭ މުއާހަދާ ތަސްދީގުރުމުގެ މުހިއްމުކަން ހާމަކުރުމަށް ޓަކައި މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުން ކަމަށް ކޮންފަރެންސްގެ ބައިވެރިން މިއަދު ބުންޏެވެ.

ކޮންފަރެންސް ނިންމާލުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިން ގޮވާލީ މައިގްރަންޓް ވޯކާސްއާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ "އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ޕްރޮޓެކްޝަން އޮފް ރައިޓްސް އޮފް އޯލް މައިގްރަންޓް ވޯކާސް އެންޑް މެމްބާސް އޮފް ދެއާ ފެމިލީސް (އައި ސީ ޕީ އާރް އެމް ޑަބްލިޔު) ތަސްދީގުކުރުމަށާއި އެމުއާހަދާއަށް އަމަލުކުރުމަށެވެ.
ބައިނަލް އަގުވާމީ ހިޖުރަކުރާ މީހުންގެ ދުވަސް (އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ) އާ ގުޅުވައިގެން ކޮންފަރެންސްގައި ބައިވެރިވި، ދެކުނު އޭޝިއާގެ ޔޫނިއަންތަކުން މިއަދުގެ ނޫސްކޮންފަރެންސްގައި ގުޅިފައިވާ ބަޔާނެއް ދިނެވެ.

އެބަޔާނުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައި ވަނީ މަސައްކަތް ކުރުމަށް ޓަކައި ހިޖުރަކުރާ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިންންސާނީ ހައްގުތަކަށާއި އެމީހުންގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށެވެ.
އޭގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވި ދެކުނު އޭޝިއާ ސަރަހައްދުގެ ޔޫނިއަންތަކުން ވަނީ ދުވަހާ ބެހޭ ކުރު ބަޔާނެއް ދީފަ އެވެ. އެބަޔާންތަކުގައި ވެސް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލާފައި ވަނީ މަސައްކަތް ކުރުމަށްޓަކައި ހިޖުރަކުރާ މީހުންނާ މެދު ތަފާތު ނުކުރުމަށާއި އެމީހުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށެވެ.

ހިޖުރަކުރާ މީހުންގެ ގޮތުގައި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި 214 މިލިޔަން މީހުން ތިބިކަމާއި އެމީހުންނަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާކަން މައިގްރަންޓް ފޯރަމް އޭޝިއާ އިން އާއްމުކުރި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.