18 Dec 2012, 15:09
އިގްތިސޯދީ މައްސަލަތައް ފުނިޖެހިފައިވާ އިރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން އެ މައްސަލަތައް ހައްލުކުރުމަށް ސީދާ މަސައްކަތްތަކެއް ކުރެވޭތަން ނުފެންނަ ކަމަށް މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވަޑައިގަތް އިންނެވި މިއަދުގެ ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހި ފައިސާގެ އަގު ހިފެހެއްޓުމާއި އެހެނިހެންވެސް މަނިޓަރީ ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ކޮންޓްރޯލް ކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު އެމްއެމްއޭގެ ގާނޫނުން އެ ބޭންކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް ޑެފިސިޓްވެ އޭގެ ނޭދެވޭ އަސަރު އިގްތިސޯދަށް ފޯރާތާ އެތައް އަހަރެއް ވެފައިވާ އިރު އެ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފެންނަނީ ޑިމާންޑް އެންޑް ސަޕްލައިއިން ބާޒާރުގެ ކަންކަން އޭގެ ޒާތުގައި ހައްލުވާ އުސޫލުން ކަންކަން ހައްލުކުރާ އުސޫލެއް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެމްއެމްއޭގެ ގާނޫނުގައި އޮންނަނީ ސަރުކާރުގެ ބަޖެޓަރީ ސިޔާސަތަށް ލަފާދޭށޭ. ގާނޫނެއްގައި ލަފާދޭށޭ ބުނީމާ އެއީ އާދައިގެ ލަފައެއް ނޫންކަން އެނގޭ. އަޅުގަނޑުމެން ކަންބޮޑުވެގެން މިއުޅެނީ ކޮންޓިނިއުސްކޮށް އެތައް އަހަރަކު ބަޖެޓް ޑެފިސިޓްވެގެންދާތީ. އަޅުގަނޑުގެ އެސްޓިމޭޓްގައި އެމްއެމްއޭ އިން ހަމައެކަނި ލަފައެއް ދިނުމަށް ވުރެ ބޮޑަށް އެކަން ކުރަންޖެހޭނެ. އެމްއެމްއޭގެ ގާނޫނުން އެކަން ކުރަން ބުނާއިރު އެމްއެމްއޭ ކަންބޮޑުވާން ޖެހޭ ކަމެއް އެއީ އަބަދު ފިސްކަލް ޕޮލިސީ އަދި މަނިޓަރީ ޕޮލިސީ މިހެންވެގެން ދާއިރު. އެހެންވީމައި މިވާގޮތަކީ އިންފްލޭޝަނަށް ޖާގަލިބި ރައްޔިތުން ހަރާބުވެގެން ދަނީ. މިއީ މިވާގޮތަކީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑެފިސިޓް ބޮޑުވެ އެ ޑެފިސިޓް ފޫއްބައްދަން ބޭންކްތަކުން ސަރުކާރުން ޓީބިލް ގަންނަމުން ގޮސް އެންމެ ފަހުން ޕްރައިވެޓް ސެކްޓާ ވެސް ހަލާކުވެގެންދާ ހިސާބަށް ގޮސްފައިވާ އިރު އެމްއެމްއޭ އިން ޑައިރެކްޓް އެކްޝަނަކަށް ދާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްއެމްއޭގެ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން އެމްއެމްއޭ އިން ސަރުކާރާ ވާހަކަ ދައްކައިގެން ފިޔަވަޅުތަކެއް އެޅުމަށް ޔާމީން ގަވަރުނަރަށް ގޮވާލެއްވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ފަޒީލް ނަޖީބު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭ އިން މަނިޓަރީ ޕޮލިސީއެއް ސެޓްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ޕޮލިސީގެ ފިޔަވަޅުތައް ފެންނަން ފަށާނެ ކަމަށެވެ. އެގޮތުން ބޭންކްތަކުގެ ނެޓް ރިޒާވް ރިކުއާރްމަންޓް ދަށްކުރެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހޭނީ ކައުންޓާ މެޝާތަކެއް ބެހެއްޓުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ އަށް ބޮޑަށް އިންވެސްޓްކުރަން. ނަމަވެސް މި ވާގޮތަކީ އެގޮތަށް ހަދައިފި ނަމަ ބޭރު ފައިސާގެ މައްސަލަ ވެސް ނުކުންނާނެ. އޭރުން ރުފިޔާގެ އަގުދަށް ކުރީމާ ވީގޮތަށް ވާނީ. ކައުންޓާ ފިޔަވަޅުތަކެއް ނެތިއްޔާ އެހެންވާނީ. އެހެންވީމާ އަޅުގަނޑުމެން މިބަލަނީ މާބޮޑު ލޮޅުންތަކެއް ނައިސް މަޑުމަޑުންކަންކަން ރަނގަޅު ކުރުމަށް،" ފަޒީލް ވިދާޅުވި އެވެ.
ފަޒީލް ގެންނަން ވިސްނަވާފައިވާ ބައެއް ބަދަލުތައް ކޮމެޓީއާ ހިއްސާކުރެއްވުމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އިންޓަރެސްޓް ރޭޓް ބޮޑުކުރުން ފަދަ ބަދަލުތަކެއް ނުގެނައުމަށް އިލްތިމާސްކުރައްވާ ކަމަށާއި އެގޮތަށް ހަދައިފި ނަމަ މުޅި އިގްތިސޯދު ފުޑުފުޑުވެގެން ހިނގައިދާނެ ކަމުގެ ބިރުއެބައޮތް ކަމަށެވެ.