18 Dec 2012, 14:45
މިނިވަން ނިއުސްގެ ނަމުގައި ރާއްޖޭގައި އޮންލައިންކޮށް ހިންގަމުން އަންނަ ވެބްސައިޓަކީ ކާކު ކޮންތާކު ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫހެއްކަން ނޭނގުމުގެ މައްސަލައަކާ ކުރިމަތިވެއްޖެ އެވެ.
ރާއްޖޭގައި އޮޕަރޭޓްކޮށް ހިންގަމުން ގެންދާ މިނިވަން ނޫހުގެ އާޓިކަލަކަށް "މާތްﷲ"ގެ ކަލިމަފުޅު ބޭނުންކޮށްގެން މީހަކު ކޮށްފައިވާ ކޮމެންޓެއް އެ ނޫހުގައި ޕަބްލިޝްކުރި މައްސަލައަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި މީޑިއާ ކައުންސިލަށް ހުށަހަޅައިފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް މިއަދު ސަން އޮންލައިނަށް ދެއްްވި އިންޓަވިއެއްގައި ވިދާޅުވީ އޮންލައިންކޮށް ހިންގަމުން އަންނަ މިނިވަން ނިއުސްގެ މައްސަލައަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިނިވަން ނޫހުގެ ނަމުގައި ކުރީގެ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫހުގެ އެޑިޓަރު، ގ. ކެނެރީގޭ ނާޒިމް އަބްދުއްސަތާރު އެ ކައުންސިލަށް ހާޒިރުކޮށް އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ނޫހަކީ ނާޒިމް ހިންގަމުން އަންނަ ނޫހެއް ނޫން ކަމަށް އޭނާ ވިދާޅުވެފައި ވާތީ އެކަންތައްތައް ކަމާ ބެހޭ ފަރާތްތަަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ހަލީލު ވިދާޅުވި އެވެ.
"އެ މައްސަލަ ބަލަމުން މިގެންދަނީ، އިސްލާމިކް މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ކަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތް (ނާޒިމް) މި ކައުންސިލަށް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައި. ނަމަވެސް އެ ނޫހަކީ އޭނާގެ އެޑިޓަރު ކަމުގެ ދަށުގައި ހިންގާ ނޫހެއް ނޫނޭ. އެހެންވެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެއީ ކޮން ބަޔަކު ހިންގަމުން އަންނަ އެއްޗެއްތޯ ބަލަމުން މިގެންދަނީ،" ހަލީލް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިނިވަން ނިއުސްގައި ލިޔެފައި ހުންނަ ބައެއް ލިއުންތަކަށް ކޮންމެ ވެސް ފަރާތަކުން މާތް ﷲގެ ލަފްޒު ބޭނުންކޮށްގެން ކޮމެންޓް ކުރުމުން އަންނަ ކަމަށާއި އެ ކޮމެންޓްތައް އެ ނޫހުގެ ފަރާތުން އާންމު ކުރަމުންދާ މައްސަލައެއް މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާ ކައުންސިލަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
"އެ ނޫހުގެ [މިނިވަން ނޫހުގެ] އާޓިކަލަކަށް އާންމު ގޮތެއްގައި މާތްﷲ ލަފުޒު ބޭނުންކޮށްގެން ކޮންމެ ވެސް ފަރާތަކުން ކޮމެންޓް ކުރަނީ. ދެން އެ ކޮމެންޓްތައް އޭގައި މިހުންނަނީ ޕަބްލޮޝްކޮށްފައި. މާތްﷲގެ ނަންފުޅުގައި އެއްވެސް މީހަކަށް ކޮމެންޓެއް ނުކުރެވޭނެ އެގޮތަށް ރާއްޖޭގައި ރަޖިސްްޓްރީކޮށްފައި ހުންނަ މީޑިއާއެއްގައި." މިނިސްޓަރު ވިދާޅުވި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއެއްގައި އެ ނޫހުގެ އެޑިޓަރު ޖޭޖޭ ރޮބިންސަން ވިދާޅުވީ މިނިވަން ނޫހަކީ އޭނާ ހިންގަމުން ގެންދާ ނޫހެއް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށް ފަހު އެ ނޫސް ނެރުން ހުއްޓާލުމުން އަލުން އެ ނޫސް ފަށައިގެން ހިންގަމު ގެންގޮސްފައި ވަނީ ބޭރުގެ ފަރާތްތަކުން ކަމަށެވެ.
އެ ނޫހުގައި މާތްﷲގެ ނަންފުޅުގައި ޖެހި ކޮމެންޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަމުން ގެންދާ ސައިބާ ކްރައިމް މައްސަލައެއްގައި އެކޮމެންޓް ކުރި ފަރާތުގެ މައުލޫމާތު ފުލުހުން ސާފުކޮށް، އެ ނޫހަށް ކޮށްފައިވާ ބައެއް ކޮމެންޓްތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް މީޑިއާ ކައުންސިލަށް އޭނާ ހާޒިރުވުމަށް އަދި މިހާތަނަށް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނޫހުގައި މަސައްކަތް ކުރަމުން ގެންދަނީ ދިވެހި މުވައްޒަފުން. އަހަރެން މިނޫސް ހިންގަމުން ގެންދަނީ މިހާރު. އެފަދަ ކޮމެންޓެއްގެ މައްސަލާގައި ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެކޮމެންޓް ވަނީ ނަގާފައި،" އިނގިރޭ ބަހާއި ދިވެހި ބަހުން ނެރޭ ނޫހާ ބެހޭ ގޮތުން އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޭޖޭ ވިދާޅުވި އެވެ.
ޖޭޖޭ ވިދާޅުވީ އޭނާ ރާއްޖޭގައި މަސައްކަތްކުރައް ވަނީ ވެބް ނިއުސް ކޮމްޕެނީ ކިޔާ ކުންފުންޏެއްގެ ވޯކް ވީސާގެ ދަށުން ކަމަށެވެ. ނަމަވެސް އެ ކުންފުންޏަކީ ކޮން ބޭފުޅެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މީޑިއާ ކައުންސިލްގެ އިތުރަށް މޯލްޑިވްސް ކޮމިއުނިކޭޝަން އެތޯރިޓީ އަށް ވެސް އިސްލާމިކް މިނިސްްޓްރީން ވަނީ އެ މައްސަލާގައި ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހަޅައިފަ އެވެ. މިނިވަން ނިއުސްގައި ޖެހި އެ އާޓިކަލްގެ މައްސަލަ މީގެ ކުރިން ޖަމިއްޔަތުލްސަލަފުގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.