18 Dec 2012, 13:39
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އާންމުންގެ ތެރެއިން ހޮއްވަވާފައިވާ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ގދ. ރަތަފަންދޫ ފިނިފެންމާގޭ ސުޖާއު ހުސައިން އެލްޖީއޭ ބޯޑަށް ކަނޑައަޅައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ސުޖާ އެ ގޮނޑިއަށް ހޮވީ 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ އާ ދެކޮޅަށް ދެއްވީ އެންމެ ވޯޓެކެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ ވެސް އެންމެ ބޭފުޅެކެވެ.
އެލްޖީއޭ ބޯޑަށް ސުޖާ ހޮވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމި ގޮތާ ހިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ އެ ބޯޑަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، އެންމެ މަތީން މާކްސް ލިބުނީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފަށް ކަމަށެވެ. އަދި އޭނާ އަށް 95.3 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށެވެ. މިއަދު އެލްޖީއޭ އަށް މަޖިލީހުން ހޮވި ސުޖާ އަށް ކޮމެޓީން ލިބިފައި ވަނީ 84.5 ޕަސެންޓް މާކްސް ކަމަށެވެ.
ނަމަވެސް މިއަދު ތަޅުމުގައި ވޯޓަށް އެހި އިރު ނަޒީފަށް ލިބިފައި ވަނީ 13 ވޯޓެވެ.
އެލްޖީއޭ ބޯޑް އެކުލެވިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެއީ ހޯމް މިނިސްޓަރާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރަކާއި ހަތަރު އަތޮޅު ކައުންސިލަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން މީހަކާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރެއްގެ މައްޗަށެވެ.