ހެރެތެރެ ރިސޯޓް ހިންގަން ބޭނުންވާ ބަޔަކު ހޯދުމަށް ނޫނީ ގަތުމަށް ހުޅުވާލި ފުރުސަތު ތިން ވަނަ ފަހަރަށް އެމްޓީޑީސީ އިން އިތުރުކޮށްފި އެވެ.

އެމްޓީޑީސީން ބުނީ އެންމެ ފަހުން ކޮށްފައިވާ އިއުލާންގެ މުއްދަތު މިދިޔަ އާއްދިތަ ދުވަހު ހަމަވުމާ ގުޅިގެން މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޓީޑީސީން ހެރަތެރަ ހިންގާނެ ބަޔަކު ނޫނީ ގަންނާނެ ހޯދުމަށް އިއުލާންކޮށްފައި ވަނީ އެ ކުންފުންޏާ އެކު ޖޮއިންޓްވެންޗާ އުސޫލުން ނުވަތަ ޕާޓްނާޝިޕެއްގެ ދަށުންނެވެ. ނުވަތަ އެ ރަށް ގަނެގެން ހިންގުމަށެވެ.

ފަސްސަތޭކަ ސާޅީސް ހަތަރު އެނދުގެ އެ ރިސޯޓްގެ ބީލަން އަލުން ހުޅުވާލި ނަމަވެސް މިފަހަރު ބިޑް ކެންސަލްކުރީ ކީއްވެގެންކަން އެމްޓީޑީސީއަކުން ނުބެނެ އެވެ. މީގެ ކުރިން ބިޑްތައް ކެންސަލް ކުރަންޖެހިފައި ވަނީ އެކަށިގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ދެ ފަރާތަކުން ހެރެތެރެ ހިންގުމަށް މަސައްކަތް ކުރި ނަމަވެސް ހެރެތެރެ ނުހިންގިގެން ވަނީ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ތައިލެންޑްގެ އޮނިކްސް ގްރޫޕުން އެރަށް ހިންގަން ފެށި ނަމަވެސް މި އަހަރުގެ ފެބުރުއަރީ މަހު އެ ކުންފުނިން ވަނީ އެ ރަށް ދޫކޮށްލައިފަ އެވެ.