18 Dec 2012, 13:04
ސަރުކާރުން ލަފާކޮށް އަންނަ އަހަރަށް ކަނޑައެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ މާބޮޑު ބަޖެޓެއް ކަމަށާއި ބަޖެޓް 14.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ޖެހޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ކަނޑައެޅި ބަޖެޓާ މެދު ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގަވަރުނަރު ފަޒީލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ވެސް ބައެއް އާމްދަނީތަކަކީ ލިބޭނެކަމުގެ ޔަގީންކަން ނެތް އާމްދަނީތަކަކަށް ވުމުން މިހާރު އޮތްވަރުގެ ބޮޑު ބަޖެޓެއް ފާސްކޮށްފި ނަމަ ކޭޝްފްލޯގެ ތާށިކަން ކުރިމަތިވެ ބަޖެޓް މެނޭޖްކުރަން ވަރަށް ބޮޑަށް ދަތިވާނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ދެންނެވޭނީ 16.9 ބިލިއަންއަކީ ތަންކޮޅެއް ބޮޑު ބަޖެޓެކޭ. ޑެފިސިޓް ފައިނޭންސް ކުރަން ވަރަށް އުނދަގޫ ބަޖެޓަކަށޭ ވާނީ. ގާތްގަނޑަކަށް އަޅުގަނޑަށް މިބެލެވެނީ އައިޑިއަލް އަދަދަކަށް ވާނީ 14.5 ބިލިއަން ރުފިޔާއޭ ބަޖެޓްގެ ޖުމްލަ އަދަދަކަށްވާނީ. އެއަށް ވުރެ ބޮޑުވެއްޖެ ނަމަ އުނދަގޫވާނެ،" ބަޖެޓް ކޮމެޓީގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަލް މަނިޓަރީ ފަންޑް (އައިއެމްއެފްއި)ންވެސް ލަފާދެނީ ގާތްގަނޑަކަށް އެއަދަދަށް ބަޖެޓް ފެއްތުމަށް ކަމަށެވެ. އަދި މިފަހަރުގެ ބަޖެޓްގެ ޑެފިސިޓްގެ ވަރަށް ބޮޑު ބައެއް ޑޮމެސްޓިކް މާކެޓުން ފައިނޭންސް ކުރަން ހުށަހަޅާފައިވާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ބޭންކްތަކުން ވެސް ސަރުކާރުގެ ޓީބިލް ގަތުމުގައި ވެސް "މިހާރު ވަރުބަލިވެފައިވާ"ކަމަށް ފަޒީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތަށް އާމްދަނީގެ މައްސަލައެއް މިހާރު ނެތް ކަމަށާއި ރާއްޖެއަށް މިހާރު ދިމާވެގެން އުޅެނީ ހަރަދު ކުޑަކުރުމުގެ މައްސަލައެއް ކަމަށެވެ.
"ބައެއް ރިޒަވޭޝަން ބޭންކްތަކުން ބެހެއްޓުން ކަހަލަ މައްސަލަ އެބަދިމާވޭ. ދެން ޕްރައިވެޓް ސެކްޓަރުން ޑޮމެސްޓިކް ފައިނޭންސް މި ހޯދަނީ. މީގެ ސަބަބުން ބޭންކްތައް އެހެން ގޮސް އަމިއްލަ ވިޔަފާރިތަކުން ވަރަށް ބޮޑަށް މިތިބީ ކުރައުޑްވެފައި. ގިނަ ޓީ ބިލްތައް އެބަހުރި އެތައް ދުވަހެއްވެފައި ހުރި، އެހެންވީމާ ބަޖެޓްގައި ޕްރައިވެޓް ސެކްޓަރުން މިގޮތަށް ފައިނޭންސް ހޯދުމަށް އޮތް ނަމަވެސް އެ ފައިސާ ލިބުމަކީ ނާދިރު ކަމެއް،" ފަޒީލް ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ އަށް ފަޒީލް ވަނީ ނުވަ ކަމެއް ބަޖެޓް އިސްލާހުކުރުމުގައި ހިމެނުއްވުމަށް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ފައިސާ ލިބޭނެ ކަމުގެ އެކަށީގެންވާ ޔަގީންކަން ނުލިބޭ ނަމަ ބަޖެޓް ހަރަދު އިތުރު ނުކުރުމާއި ހަރަދެއް އިތުރުކުރާ ނަމަ އެއަށް ފައިސާ ލިބޭނެ އެކަށީގެންވާ ޔަގީން ގޮތްތަކެއް ދެއްކުމާއި ޖުމްލަ ހަރަދު އެންމެ ގިނަވެގެން ވެސް 1500 މިލިއަން ރުފިޔާ އަށް ކުޑަކުރެއްވުމަށް ފަޒީލްގެ އެ ލަފާގައި ވަނީ ދަންނަވައިފަ އެވެ. ސަރުކާރުގެ ކުރު މުއްދަތުގެ ދަރަނިތައް ދިގު މުއްދަތަކަށް ބަދަލު ކުރުމާއި އައިއެފްއެމްގެ ސްޓާފް ޕްރޮގްރާމަކަށް ފަހިވާނެ ގޮތަށް ބަޖެޓް ފަރުމާކުރެއްވުމަށްވެސް ވަނީ ދަންނަވައިފަ އެވެ.
ގަވަރުނަރު ވިދާޅުވީ އަންނަ އަހަރު އެމްއެމްއޭގެ މަނިޓަރީ ސިޔާސަތު ތާށިކުރަން މަޖުބޫރުވާނޭ ކަމަށާއި އެގޮތުން ޕޮލިސީ ރޭޓްތަކަށް ބަދަލުގެނެސްގެން ވެސް އަންނަ އަހަރު އެކަން ކުރާނެ ކަމަށެވެ. އަދި އެމްއެމްއޭގައި ހުންނަ ދައުލަތުގެ އެކައުންޓުން ސަރުކާރަށް ނެގޭގެ އަދަދު މަޖިލީހުން ކަނޑައަޅައިދެއްވުމަށް ވެސް ފަޒީލް އެދިވަޑައިގަތެވެ.
ބަޖެޓުން ކޮމެޓީން މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާ އިރު ބަޖެޓް ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާއަށް ފެއްތުމަށް ގިނަ މެންބަރުން އެއްބަސްވަޑައިގަންނަވަ އެވެ. އަދި މިއަދުގެ ކޮމެޓީގައި ބައެއް މެންބަރުން ފަޒީލްއަށް ވަނީ އެ ޔަގީންކަން ދެއްވައިފަ އެވެ.