18 Dec 2012, 12:39
މިދިޔަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށް އެވަޓަން ކުޅެ އެއްވަރުވި މެޗުގައި ސްޓޯކުގެ ކެޕްޓަން ރަޔާން ޝޯކްރޮސް އަށް ބޮލުން ހަމާލާދީފައިވާތީ އެވަޓަންގެ ބެލްޖިއަމް މިޑްފީލްޑަރު މަރުއާނޭ ފެލައިނީ، 25، ތިންމެޗަށް އިނގިރޭސި އެފްއޭ އިން ސަސްޕެންޑް ކޮށްފި އެވެ.
އެމެޗުގައި ތިން ފަހަރެއްގެ މަތިން ފެލައިނީއާ ޝޯކްރޮސްއާއި ދެމެދު ހަމަނުޖެހުން ހިނގާފައިވެ އެވެ. އެންނަމަވެސް ރެފްރީއަށް މެޗުތެރޭގައި ފާހަގަ ނުކުރެވި ދިޔަ ހާދިސާ ފެނިފައި ވަނީ ފަހުން ޓީވީ ރިޕްލޭ ބެލުމުން ނެވެ.
ނުވަމެޗަށް ސަސްޕެންޑު ކުރެވޭނޭ ކަމަށް ބެލެވުނު ނަމަވެސް އެފްއޭ އިން ފެލައިނީއަށް އަދަބު ދީފައި ވަނީ ހަމައެކަނި ބޮލުން ދިން ހަމަލާ އަށް އެކަނި އެވެ. އަނެއް ދެ ހާދިސާއަކީ އެހާ ނުރައްކާތެރި ހާދިސާތަކެއް ކަމަށް ނުބެލެވޭތީ ވަނީ ނުބަލާ ދޫކޮށްލާފަ އެވެ.
"އަހަރުމެން އަބަދުވެސް ލިބޭ އަދަބުތައް ގަބޫލުކުރަން. އަދި ފެލައިނީ އަށް ގަބޫލު ކުރެވޭނެ އޭނާ ކުރީ ގޯސް ކަމެއްކަން. އެހެންވެ ތިން މެޗު ގެއްލުނީ. ވެދިޔަ ކަންތަކާ އަހަރެމެން މާފަށް އެދެން. އަދި ބޭނުން ވަނީ ހުރިހާ ކަމެއް ރަނގަޅުކޮށް ކުރިއަށް ދާން،" އެވަޓަނަގެ ކޯޗު ޑޭވިޑް މޮޔޭސް ބުންޏެވެ.
މީގެ އިތުރުން އެވަޓަންގެ މެނޭޖަރު ވަނީ ވަގުތުން އެކަން ކުށްވެރިކޮށް ފެލައިނީއާ ދޭތެރޭ ޓީމުގެ ފަރާތުން ވެސް ފިޔަވަޅު އަޅައިފަ އެވެ. މިގޮތުން ފެލައިނީގެ މުސާރައިން ދެހަފުތާއަށް ޖެހޭ އުޖޫރަ 150،000 ޕައުންޑުން ވަނީ އޭނާ ޖޫރިމަނާ ކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން ފެލައިނީ ވަނީ ރަޔާން ޝޯކްރޮސް އާއި، އެވަޓަންގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން ޓީމުގެ މެނޭޖިމަންޓުގައި އޭނާ އަށް ކުރެވުނު ކުށަށް މާއާފަށް އެދިފަ އެވެ.
"އަހަރެންނަށް ކުރެވުނު ކުށަށް ޝޯކްރޮސް އާއި ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން ޓީމުގެ މެނޭޖިމަންޓުގައި މާފަށް އެދެން. އަސްލު އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން. އެކަމަކު ވެސް މެޗުތެރޭގައި އަހަރެންގެ ކޮޅަށް ނިންމަންޖެހޭ ބައެއް ކަންތައްތައް އަޅާނުލާ ދޫކޮށްލުމުން އަހަރެންނަށް ރުޅި ކޮންޓްރޯލް ނުކުރެވުނީ. އެކަމަކު އެއީ އަހަރެން ކޮށްގެން ވާނެ ކަމެއް ނޫން." ފެލައިނީ ބުނެފައިވެ އެވެ.
އެ އަދަބާ އެކު ލީގުގައި އެވަޓަން ކުޅެން ޖެހޭ މެޗުތަކުގެ ތެރެއިން ވެސްޓްހޭމް، ވިގަން އަދި ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ފެލައިނީ އަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ޖެނުއަރީ ދޭއްގައި ނިއުކާސަލް އާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ފުރުސަތު ލިބޭނެ އެވެ.