އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި އިރު ބަޖެޓްގައި ޑްރަގް ކޯޓަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.

ޑްރަގް ކޯޓުން އެގޮތަށް ބުނެފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އެ ކޯޓުގެ ފަރާތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ފޮނުވާފައިވާ ރިޕޯޓުގަ އެވެ.

އެ ރިޕޯޓުގައި ޑްރަގް ކޯޓުން ފާހަގަކޮށްފައިވާ ގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ބެޖެޓްގައި ޑްރަގް ކޯޓަށް ކަނޑައަޅާފައި ވަނީ 12.9 މިލިއަން ރުފިޔާ އެވެ. އެވަރުގެ ބަޖެޓަކުން ކޯޓު ހިންގުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ލީގަލް މުވައްޒަފުން ލިބުމުގައި އެ ކޯޓަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ކޯޓަށް ހަ ލީގަލް އޮފިސަރުން ބޭނުންވާ އިރު މިހާތަނަށް އެ ކޯޓުގެ އޮނިގަނޑުގައި ހިމެނިފައި ވަނީ ހަތަރު ލީގަލް އޮފިސަރުން ކަމަށާއި ލީގަލް އޮފިސަރުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނެތުމަކީ އެފަދަ މުވައްޒަފުން ލިބުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޯޓު އުފެދުނު ފަހުން މިހާތަނަށް ގާޒީންނަށް ސެކިއުރިޓީ ލިބިފައިނުވާ އިރު ގާޒީންނަށް ހެލްތު އިންޝުއަރެންސާއި ރިސްކްއެލަވަންސް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ އެލަވަންސްތައް ގާޒީންނަށް ލިބިފައި ނުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދީފައި ނުވާތީ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކުގައި ދެންނެވުމުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.